ގޭ ދޮށު މަސް ފެކްޓްރީއާއި ކަންނެލި ޖަގަހަތައް ހަދަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

16 Jul 2019 | 11:51

ގޭ ދޮށު މަސްފެކްޓްރީއާއި މާކނޑުގައި ކަންނެލި ޖަގަހަތައް ހަދަން ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިިއެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ ރަށްރަށުގައި ގާއިމްކުރާ މަސް ބަންދުކުރާ ޕްލާންޓުތަކުގައި ބޭނުން ކުރާނެ ވަސީލަތްތައް ކަނޑައަޅައި އެތަންތަން ގާއިމްކުރަން ކައުންސިލްތަކުން ބިން ދޫކުރެވޭނެ އުސޫލުތަކެއް ކަނޑައަޅަންޖެހޭ ކަމަށެވެ.

އަދި އެ ވިޔަފާރީގައި ރަށު ކައުންސިލާއި ސިޓީ ކައުންސިލަށް ބައިވެރިވެވޭނެ އުސޫލުތައް ހަދައި، މަސްވެރިން އަތުން މަސް ގަނެ، ޕްރޮސެސް ކުރާނެ ޕްލާންޓްތައް ތަރައްގީކޮށް ހިންގަން ފުރުސަތު ހުޅުވާލުމަށް ގަރާރުގައި ވެއެވެ.

މީގެއިތުރުން މަސްވެރިކަމަކީ އިގްތިސާދުގެ މުހިންމު ސިނާއަތުކަން ފާހަގަަކުރައްވައި، މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް އެ މަސައްކަތުގެ ސީދާ ނަފާ ވީހާވެސް ފުޅާ ދާއިރާއެއްގައި ދިވެހިންނަށް ހޯދައިދޭން ޖެހޭ ކަމަށް ގަރާރުގައިވެއެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ސަރުކާރާއި އެމްޑީޕީގެ ވައުދެއް ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

މީގެއިތުރުން ކަންނެލި ޖަގަހަތައް ހެދުމަށް ގޮވާލައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވި ގަރާރުގައި، ރަށްރަށާ ދުރަށް ދުއްވައިގެން މަސްވެރިކަންކުރާ ސަރަހައްދުތައް ފާހަގަކޮށް، އެ ސަރަހައްދުތަކުގައި ކަންނެލި ޖަގަހަތަކެއް ގާއިމުކޮށްދިނުމަށް އެދިފައިވެއެވެ.

އަދި ޖަގަހަތަކުގައި ތެލާއި އައިސްގެ އިތުރުން މަސްވެރިކަމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިއްޖެނަމަ އެނބުރި ރަށަށް ދާން ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑުތަން ކުޑަވާނެ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

މީގެއިތުރުންވެސް މަސްވެރިކަމާ ބެހޭ ގަރާރުތައް އެކި މެންބަރުން މަޖިލީހަށް ހުށަހަޅުއްވާފައި ވެއެވެ.

Advertisement

ކޮމެންޓް