ރައީސް ޔާމީނަށް ހިތުގެ އަޑިން މާފުކޮށްފިން: އަދީބު

22 Aug 2019 | 13:18

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހިތުގެ އަޑިން މާފުކޮށްފިކަމަށް އެމަނިކުފާނުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގްގެ ދައުވާއާއި ގުޅިގެން މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ޔާމީންގެ ސަރުކާރުގައި އަދީބަށް އަނިޔާ ލިިބިފައިވުމުން އެކަމާއި މެދު ހިތުގައި އެއްވެސް ކަމެއް އޮތްތޯ އެމަނިކުފާނު ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސުވާލު އުފައްދަވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ އަނިޔާވެރިވީ އެންމެހާ ފަރާތްތަކާއި ރައީސް ޔާމީނަށްވެސް ހިތުގެ އަޑިން މާފުކުރައްވާފައި ވާނެކަމަށެވެ.

އަދީބު އިތުރަށް ވިދާޅުވީ މި ޝަރީއަތުގެ މަޖިލީހުގައި އެބޭފުޅާ މި ވާހަކަ ދައްކަނީ އެއްވެސް ނުފޫޒެއް ނެތިކަމަށާއި، މި ވާހަކަތަކުގެ ސަބަބުން އަދީބަށް އިތުރު ހުކުމެއް އައިކަމުގައިވިޔަސް، ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.

އެބޭފުޅާ އިތުރަށްވަނީ އެސްއޯއެފަށް އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރީ ޔާމީން އަންގަވައިގެންކަމަށްވެސް ވިދާޅުވެފައެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދެބޭފުޅުންގެ މެދުގައި ވަނީ ހޫނުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.

Advertisement

ކޮމެންޓް