ނިޔާޒުގެ ތާާއިދުވެސް ރައީސް ނަޝީދަށް!

16 Oct 2019 | 08:21

އެމްޑީޕީގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ތާއިދުކުރައްވައިފިއެވެ.

ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށާއި، ކާމިޔާބަށް އެދިވަޑައިގަންނަވާކަމަށެވެ.

ނިޔާޒް މިވަގުތު ދަނީ އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބުގެ މަގާމުވެސް އަދާކުރައްވަމުންނެވެ. 

އެޕާޓީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނެވި މުހައްމަދު ޝިފާޒްވެސް ވަނީ ޓްވިޓަރ މެދުވެރިކޮށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަމަށާއި އެބޭފުޅާއަށް ތާއިދުކޮށް ވޯޓުދެއްވުމަށް އެމްޑީޕީގެ މެންބަރުންގެ އަރިހުގައި އިޚުލާސްތެރިކަމާއިއެކު ދަންނަވާކަމަށެވެ.

މި ޓްވީޓަށް ތާއިދުކުރައްވާ ޝިފާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސްކަމަށް ރައީސް ނަޝީދަށް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށެވެ.

އަދި އެބޭފުޅާވެސް ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވަވާނެކަމަށާއި، އެމްޑީޕީގެ ހިތްވަރުގަދަ މެންބަރުންގެ ތާއިދާއި ކުރައްވާ އިތުބާރު އެގޮތަށް ދެއްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

މި ދެބޭފުޅުން ފިޔަވައި، އެމްޑީޕީގެ ލީޑަރޝިޕަށް އިތުރު ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެއެވެ. 


Advertisement

ކޮމެންޓް