ބަރުލަމާނީ ގުޅުން ބަދަހިކުރަން އިންޑިއާ އާއެކު ސޮއިކުރަން މަޖިލީހުން ރުހުންދީފި

07 Dec 2019 | 17:42

ބަރުލަމާނީ ގުޅުން ބަދަހިކުރުމާއި ބެހޭ އެއްބަސްވުމެއްގައި، ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި މި އެއްބަސްވުމުގައި ސޮއިކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި 68 މެންބަރަކު ވޯޓު ދެއްވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ އިންޑިއާގެ ގާނޫނު ހަދާމަޖިލީހާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު އެ އެއްބަސްވުމުގައި ސޮއިކުރާނީ، މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތައް ހިމެނޭގޮތަށް މިމަހުގެ ނުވަޔަކުން ތޭރައަށް އިންޑިއާ އަށް ކުރާ ދަތުރުފުޅުގެ ތެރެއިންކަމަށެވެ. މިދަތުރުގައި ފަނަރަ މެންބަރަކު ބައިވެރިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހާއި މަޖިލީހުގެ އިދާރާގެ ހިންގުން ހަރުދަނާ ކުރުމަށް ތަމްރީނާއި ފަންނީ ފުރުސަތުތައް ފަހިކުރުމަށް ދެ މަޖިލީހުން ގުޅިގެން އޮނިގަނޑެއް އެކުލަވާލުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މި އެމްއޯޔޫގެ ދަށުން ދެފަރާތުގެ ދެމެދުގައި ބަރުލަމާނީ ގުޅުން ބަދަހި ކުރުމުގެ އިތުރުން ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ކުރިއަރުވައި، ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ އިދާރާގެ ހިންގުން ތަރައްގީ ކުރުމާއި ފަންނީ ފުރުސަތުތަކަށް މަގުފަހި ކުރުމަށް ރަސްމީ އޮނިގަނޑެއް އެކުލަވައިލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމެއްގައި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ސޮއިކުރަން ނިންމި އިރު ރާއްޖެއަކީ ރިޔާސީ ނިޒާމެއްގެ ދަށުން ވެރިކަން ކުރަމުންދާ ގައުމެކެވެ.

މިފަދަ އެއްބަސްވުމެއްގައި ސޮއިކުރާއިރު، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ދައުލަތުގެ ވަކިވެފައިވާ ތިންބާރު އެއްކޮށް، ބަރުލަމާނީ ނިޒާމެއްގެ ދަށުން ވެރިކަން ކުރާ އުސޫލުން ސަރުކާރުން މިހާރު އަމަލުކުރަމުންދާކަމަށެވެ.

Advertisement

ކޮމެންޓް