މަސްވެރިކަމަށް ގެންނަ އެންމެ ބޮޑު ބަދަލަކީ ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލުން: ރައީސް

11 Dec 2019 | 11:56

މަސްވެރިކަމުގެ ސިޔާސަތަށް ސަރުކާރުން ގެންނާނެ އެންމެ ބޮޑު އެއް ބަދަލަކީ، މަސް ގަތުމަށް ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް އަމާޒުކޮށްގެން ސަރުކާރުން ''ކެޔޮޅު އެޕްލިކޭޝަން'' އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މަސް ގަތުމަށް ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ. މިބަދަލުގެ ސަބަބުން މަސްގަތުމުގެ ފުރުސަތު އިތުރު ކުންފުނިތަކަށް ހުޅުވި، މަސްވެރިން ބާނާ މަސް، ކަނޑަށް އުކާލަން ނުޖެހި، އާމްދަނީ އިތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް، ބޭރުގެ މަސްވެރިންނަށް ލައިސަންސް ދީފައި އޮތް އޮތުން ކަމަށެވެ. އެގޮތުން މި ވެރިކަން ފެށުނުއިރު، ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް 28 ކުންފުންޏަކަށް ހުއްދަ ދީފައި އޮތްކަމަށް ވިދާޅުވިއެވެ. އެ ކަމުގައި ހަރަކާތްތެރިވަނީ ގިނައިން ބިދޭސީން ކަމަށާއި އެކަމުން ދައުލަތަށް ލިބެނީ އަހަރަކު، އެންމެ 1.9 މިލިއަން ރުފިޔާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

''މިއީ ލޭނުގެ މަސްވެރިކަމުން ދައުލަތަށް ޙައްޤުވާ މިންވަރު ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ. އެހެންކަމުން، އަޅުގަނޑުމެން ނިންމީ، މި ދެންނެވި ލޭނުގެ މަސްވެރިކަމަށް، އިތުރަށް ލައިސަންސް ނުދިނުމަށް.'' ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި މިހާރު ގާއިމުކޮށްފައި ހުރި ޕްރޮސެސިންގެ ފެސިލިޓީތަކަށް ބަލާއިރު، ދުވާލަކަށް ޕްރޮސެސް ކުރެވެނީ 130 މެޓްރިކް ޓަނުގެ ކަޅުބިލަމަސް ކަމަށެވެ. އެހެންކަމުން އަހަރަކު 300 ދުވަހު މަސް ފްރޮސެސް ކުރިޔަސް، އިތުރު އިންވެސްޓްމަންޓަކާއި ނުލައި، އަހަރެއްގެ މައްޗަށް ޕްރޮސެސް ކުރެވޭނީ 39000 ޓަނުގެ މަސް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

'' މުޅި ރާއްޖެއަށް އަހަރަކު 90000 ޓަނުގެ މަސް ބާނާއިރު، އެ މަސް ގަތުމަށާއި، ޕްރޮސެސް ކުރުމަށް އަޅުގަނޑުމެން މިވަނީ ނުކުޅެދިފައި.'' ރައިސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތު ކުރިއަރަންވީވަރަށް ކުރިނާރައި މިހާ ދުވަހު މިއޮތީ، ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން ރަނގަޅު ސިޔާސަތެއް ކަނޑައަޅައި ތަންފީޒުކޮށްފައި ނެތުމުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހި މަސްވެރިކަމުގެ ބާވަތާއި، ދިވެހިންގެ ތަޖުރިބާއަށް ބަލާއިރު، ދިވެހިން މިއަދު ތިބެންޖެހޭނީ، އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ބަސް ބުނެވޭ ބައެއްގެ ގޮތުގައި ކަމަށެވެ.

Advertisement

ކޮމެންޓް