"ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

31 Dec 2019 | 11:45

ދިރާގުން ކުރިއަށް ގެންދާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގައި 2020 ވަނަ އަހަރު ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ދިރާގުގެ ސީ.އެސް.އާރ ގެ ދަށުން ގިނަ ޒުވާނުން ތަކެއް ވަޒީފާގެ މާހައުލައް އަހުލުވެރިކުރުވާ، ފަންނީ ހުނަރު ދަސްކޮށްދީ، ޒިންމާދާރު ބަޔަކަށް ހެދުމުގެ މަގުސަދުގައި ދިރާގުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އޭ ލެވެލްއިން ފެށިގެން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ދާއިމީ ވަޒީފާއެއް އަދާކޮށްފައިނުވާ، އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ޝައުގެވެރިވާ ޒުވާނުންނައް "ވޯކްއިން އިންޓަރވިއު" 7 ޖަނަވަރީގެ 2020 ވަނަ ދުވަހުގެ 14:00 އާއި 17:00 ދެމެދު ކުރިއަށްދާނެއެވެ. އިންޓަރވިއުތައް ކުރިއަށްދާނީ ދިރާގު ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ރީޖަނަލް އޮފީސްތަކުގައެވެ. މި ޕްރޮގްރާމްގެ ދަށުން ދިރާގުގެ މާރކެޓިންގ، އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމެންޓް އެންޑް ޕްރޮޕަރޓީ މެނޭޖުމެންޓް، ހިއުމަން ރިސޯސަސް، ފައިނޭންސް، ނެޓްވޯރކްސް އަދި ކަސްޓަމަރ ސޮލިއުޝަން ފަދަ ޑިޕާރޓްމެންޓު ތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ފެށި އެންމެ ފުރަތަމަ ކޯޕަރެޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. 2009 ވަނަ އަހަރު ފެށި މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 200 އައްވުރެ ގިނަ ޒުވާނަކު ވަނީ ދަސްވެނިމިފައެވެ.

Advertisement

ކޮމެންޓް