ވޫހާންގައި ތިބި ދިވެހިންގެ ހާލު ދިވެހި ސަރުކާރުން ބަލާފައިނުވާކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފި

23 Jan 2020 | 13:51

ކޮރޯނާ ވައިރަސް ހަލުވި މިނެއްގައި ފެތުރުމުގެ ސަބަބުން ކަރަންޓީން ކުރެވިފައިވާ ވޫހާން ސިޓީގައި ދިރިއުޅެމުންދާ ދިވެހިންގެ ހާލު ބަލާފައިނުވާކަމަށް ބުނެ މީސް މީޑިޔާގައި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.

މޯލްޑިވްސް-ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަންގެ ނައިބު ރައީސް މިދުއަމް ސައުދު ޓްވިޓަރގައި ވިދާޅުވީ މިއަދު ހެނދުނު ވޫހާންގައި ހުރި ދިވެއްސެއްގެ ފަރާތުން، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީން އެފަރާތްތަކަށް ގުޅާފައި ނުވާކަން އެނގިފައިވާ ކަމަށެވެ.

އެހެންކަމުން އެފަރާތްތަކާއި ގުޅުމުގެ މަސައްކަތް އެ ޖަމްެއިއްޔާއިން ފެށިކަމަށް މިދުއަމް ވިދާޅުވިއެވެ. މިދުއަމް ވަނީ އެފަރާތުން ކުރި މަސައްކަތުން ވޫހާންގައި ތިބި ހަ ދިވެހިންނާާއި ގުޅައި، ހާލު ބަލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެއް އަހަރާއި އެގާރަ މަހުގެ ކުއްޖެއްވެސް ހިމެނޭ ކަމަށް މިދުއަމް ވިދާޅުވިއެވެ. އެބޭފުޅާ ވަނީ އޭގެ ތެެރެއިން ބައެއް ކުދިން އަމިއްލައަށް އެމްބަސީއަށް ގުޅާފައިވާކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ ވޫހާންގައި ތިބި ދިވެހިންނާއި ގުޅިފައިވާ ކަމަށާއި އެފަރާތްތަކުގެ ހާލު ބަލަމުންދާ ކަމަށެވެ.

Advertisement

ކޮމެންޓް