ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަބްދުއްރައޫފް އައްޔަންކުރަން ނުފެނޭ: ޖޭއެސްސީ

23 Jan 2020 | 14:38

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް އަބްދުއްރައޫފް އިބްރާހިމް އައްޔަންކުރަން ނުފެންނަކަމަށް ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީފިއެވެ.

އަބްދުއްރައޫފް މިވަގުތު ހުންނެވީ ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ

ޖޭއެސްސީން ބުނީ ތިން ފަރާތަކުން ރައޫފްއާއި މެދު އެ ކޮމިޝަަނަށް ހުށައަޅާފައިވާ ޝަކުވާތަކާއި ގުޅިގެން ކޮމިޝަނުން ހޯދި މައުލޫމާތުތަކަށް ރިއާޔަތް ކޮށް، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައިސުލް ޖުމްހޫރިއްޔާ މަޝްވަރާ އަށް އެދިވަޑައިގެންފައިވާ ފަނޑިޔާރު އަލްއުސްތާޛު އަބްދުއްރައޫފު އިބްރާހިމް އެ މަގާމަށް އައްޔަން ކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި މި ކޮމިޝަނަށް ގަބޫލު ނުކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ދެންނެވުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ އޮންލައިން މީޑިޔާއެއްކަމުގައިވާ "އަވަސް"އިން ބުނެފައިވާ ގޮތުގައި އަމިއްލަ ފަރާތަކުން ރައޫފްެއާއި ދެކޮޅަށް ޖޭއެސްސީއަށް މައްސަލަ ހުށައަޅާފައިވަނީ ގާކޮށިން ފްލެޓެއް ހޯއްދެވުމާއި ބެހޭގޮތުންނެވެ.

އެގޮތުން އެ ފްލެޓް ހޯއްދެވީ ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް މައްސަލައެއް ނިންމުމަށްފަހު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލުކުރެއްވުމަށްފަހުގައިކަމަށް އެ މައްސަލައިގައި ތުހުމަތުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. 

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް