ކޮވިޑް-19 އާއި ގުޅިގެން ދިރާގާއި އުރީދޫން އިންޓަރނެޓްގެ ލުއިތަކެއް!

01 Apr 2020 | 06:06

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެދުނު ގޮތަށް ދިރާގާއި އުރީދޫގެ ފަރާތުން އިންޓަރނެޓްގެ ޚިދުމަތުން ލުއިތަކެއް ފޯރުކޮށްދީފިއެވެ.

މިގޮތުން ދިރާގުން މިއަދު ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިޔަށް އޮތް ދެމަހަށް ދިނުމަށް ނިންމާފައެވެ.

އެކުންފުނިން މައުލޫމާތުދޭ ގޮތުގައި ހުރިހާ ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އެލަވަންސް އިތުރުކޮށްދެވުމުން، 70% އަށްވުރެ ގިނަ ކަސްޓަމަރުންނަށް ލިބޭ އެލަވަންސް މަދުވެގެން ދެގުނައަށް އިތުރުވެގެންދާނެއެވެ. އަދި މޯބައިލް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އިތުރުކޮށް ދިނުމުން، ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް މަދުވެގެން %50 އިތުރު ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑަށާއި މޯބައިލްއަށް ހިލޭޑޭޓާ ދީފައިވާ މައިގަނޑު ބައިތައް ތިރީގައި މިވަނީއެވެ. މީގެ އިތުރުން، އެކިއެކި ޕެކޭޖްތަކަށް ދޭ އެލަވަންސް، ބޫސްޓާރސް އަދި އެޑްއޯންސްއަށް ދޭ ޑިސްކައުންޓްގެ ތަފްސީލް ދިރާގު ވެބްސައިޓްގައި ޝާޢިއު ކުރެވޭނެއެވެ.

ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް:

•ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50 އާއި %140 އާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވެންސް އެޕްރިލް އަދި މެއި މަހުގައި ދިނުމަށްވަނީ ނިންމާފައިއެވެ. ހަމައެއާއެކު، މާރިޗް މަހު ހުރިހާ ބޫސްޓަރތަކަށް ދީފައިވާ %50 ޑިސްކައުންޓް އެޕްރީލު މަހުގައިވެސް ލިބިގެންދާނެއެވެ.

މޯބައިލް ކަސްޓަމަރުންނަށް:

•ދިރާގު ޕޯސްޑްޕެއިޑް ކަސްޓަމަރުންނަށް އެޕްރިލު އަދި މެއި މަހު %50 އާއި %75 އާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ދޭންވަނީ ނިންމާފައިއެވެ.

• ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ބައްލަވައިގަންނަވާ މަންތްލީ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ ދޭން ވަނީ ނިންމާފައިއެވެ.

މީގެ އިތުރުން އުރީދޫއިންވެސް ވަނީ އިންޓަރނެޓްގެ ޚިދުމަތުން ލުއިތަކެއް ފޯރުކޮށްދޭން ނިންމާފައެވެ.

އެކުންފުނިން ބުނީ އުރީދޫގެ ސުޕަރނެޓް ކަސްޓަމަރުން ނަންގަވައިފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެކަމަށެވެ. ސުޕަރނެޓް ކަސްޓަމަރުން ނަންގަވާފައިވާ ޕްލޭންގެ ޑޭޓާ އެލަވަންސް ބޭނުންކުރެވުމާއެކު، 5 ޖީބީ ގެ އެލަވަންސް ކޮންމެ 24 ގަޑިއިރުން އެއްފަހަރު އަލުން އެކްޓިވޭޓްވެގެންދާނެއެވެ. މި އެލަވަންސްއަކީ ކޯވިޑް-19 އާއި ގުޅިގެން ސުޕަރނެޓް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައިވާ %25 ހިލޭ ލިބޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސްއެކެވެ.

Advertisement

ކޮމެންޓް