ކޮވިޑް-19ގެ އުސްއަލި: ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަނީ

12 Apr 2020 | 00:08

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 19 އަށް އަރާފައިކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.މޫސާ މުރާދު ވިދާޅުވީ މިހާތަނަށް 2612 ސާމްޕަލް ނެގިފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ނުލިިބި ވަނީ 86 ސާމްޕަލްގެއެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި އެގާރަ މީހުން ތިބިއިރު، ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 862 މީހުންކަމަށް ޑރ.މުރާދު ފާހަގަކުރެއްވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައިގަނޑު ގޮތެއްގައި ބަލާލާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ކާބޯތަކެތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށެވެ.

މިއާއި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްލެވުނު އެހެން ވާހަކަތަކަށް މިހިސާބުން ބަލާލާނަމެވެ.


ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް!

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ ސަރުކާރުގެ ނޫ އިގްތިސާދީ ސިޔާސަތުގެ ދަށުން ފުޑް ސެކިއުރިޓި ކަށަވަރުކުރުމަށްޓަކައި، މީހުން ދިރިއުޅޭ ރަށްތަކުގެ ކައުންސިލްތައް މެދުވެރިކޮށް ތިން އަހަރުގެ މުއްދަތަކަށް ކުއްޔަކާއި ނުލައި ދަނޑުވެރިކަން ކުރާނެ ބިންތައް ދޫކުުރުމަށް ނިންމާފައިވާ ކަމަށެވެ. 

މި ޕްރޮގްރާމްގެ އިތުރު ތަފްސީލްތައް ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖޭގައި އެބާވަތްތައް އުފައްދައިގެން އިމްޕޯޓްތައް މަދުކުރެވިދާނެ 17 އެއްހާ ބާވަތް ދެނެގަނެވިފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމުން މި ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުން 50 އިންސައްތައާއި ހަމައަށް ދަށްކުރުމަށް އަމާޒުހިފާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިތަކެތި އުފައްދާނެ ޚާއްސަ 44 ރަށެއް ސަރުކާރުން ފާހަގަކޮށްފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މިރަށްތަކުގެ ކައުންސިލްތަކާއި އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކޮންމެ ރަށަކަށް މިތަކެތި އުފެއްދުމުގެ ކުއޯޓާއެއްދީ، އެކަމަށް ބޭނުންވާ ތަމްރީނާއި ސާމާނު ފޯރުކޮށްދޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ސަަބަބުން ފުޑް ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވި، ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެގެންގޮސް އަދި ބޭރު ފައިސާ އިމްޕޯޓަށް ޚަރަދުކުރުން ކުޑަވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.


މިނިސްޓަރ ފައްޔާޒް ވިދާޅުވަނީ ރާއްޖެ އިރާދަކުރެއްވިއްޔާ ބަނޑަށް ނުޖެހޭނެކަމަށް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ ދުނިޔެ ބަނޑަށް ޖެހިއްޖެނަމަ ދިވެހިރާއްޖެވެސް ބަނޑަށް ޖެހޭނެކަމަށާއި، މިވަގުތު އެފަދަ ހާލަތެއް އަދި ރާއްޖެއަށް ނާންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް އަހަރަށްވާ ވަރަށް ސަޕްލައި ކުރަމުން ގެންދާނެކަމަށެވެ.

އަޅުގަނޑުމެން އެ ޔަގީންކަން އޮތީމަ މި އަރުވަނީ ކާޑަށް، އަސާސީ ކާބޯތަކެއްޗަކަށް ޖެހުނަކަށް ނުދޭނަން، އެހެންނަމަވެސް ސްޓްރޯބެރީ ނުހުރެދާނެ. އެއީކީ އަޅުގަނޑު ބަލާނެވެސް އެއްޗެއް ނޫން. އަޅުގަނޑުމެން މިބަލަނީ އެންމެ އަސާސީކޮށް ކައިގެން ބޮއިގެން ތިބެވޭނެ ވަރު ގެރެންޓީ ކުރުން. ދައުލަތުން އެކަން ގެރެންޓީ ކުރާނަން"، ފައްޔާޒް ވިދާޅުވިއެވެ.

މިއީ 11 އެޕްރީލްވީ ދުވަހުގެ ރޭ ބޭއްވުނު ނޫސްވެެރިންގެ ބައްދަލުުވުުމުގެ އުސްއަލިތަކެވެ.

Advertisement

ކޮމެންޓް