ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

22 Apr 2020 | 13:54

ކޮވިޑް-19، ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފިއެވެ.

މުވައްޒަފުންގެ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ، ރައީސް އޮފީހުން ނެރުއްވި މިއަހަރުގެ 12 ވަނަ ނަންބަރު ދެންނެވުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން އެދިވަޑައިގެންފައިމިވަނީ ކޮވިޑް19 އާއި ގުޅިގެން ގިނަ ރަށްތަކެއް ކަރަންޓީން އަދި މޮނިޓަރިން ހާލަތައް ގެނެވި އެ ރަށްރަށުގައި ޓާސްޕޯސް އަށް ދަރުމަވެރިން ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19، ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވާ އަމުރުތަކާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން ސިޓީ ކައުންސިލްތަކުގައްޔާއި، އަތޮޅު ކައުންސިލުތަކުގައްޔާއި، ރަށްރަށުގެ ކައުންސިލުތަކުގައި އުފައްދަވައިފައިވާ ޓާސްކް ފޯސްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ކައުންސިލްތަކުން ކަންކަން ރާއްވަވައި ހިންގެވުމަށާއި، މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޟަރޫރީ ޚިދުމަތްތައް ދިނުމަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މިހައިތަނަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

އަދި ކޮވިޑް-19، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކޮށް ފެތުރެމުންދާތީ، ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވަމުން ދިޔުމާއެކު، ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާތީ، ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަތުމުން، މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށާއި، ޤައުމަށް ކުރިމަތިވެފައިވާ މި ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންފުޅުވެފައިވާ ކަމުގައިވެސް އޮފީސްތަކަށް އަންގަވާފައިވެއެވެ.

Advertisement

ކޮމެންޓް