ކުރިއަށް އޮތީ ކޮވިޑާއި އެކު ދިރިއުޅުން: ޑރ.އަފްޒަލް

27 Apr 2020 | 04:44

ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 އާއި ދިރިއުޅެން ދަސްކުރަން ޖެހޭކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އެޕިޑެމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ޑރ.އަފްޒަލް ވިދާޅުވީ ކޮންމެވެސް ދުވަހަކުން ލޮކްޑައުން ނަގަންޖެހޭނެކަމަށާއި، އަބަދަކު ލޮކްޑައުނެއްގައި ނުތިބެވޭނެކަމަށެވެ. އެހެންކަމުން މިހާރުން ފެށިގެން ނަފްސާނީ ގޮތުން އެކަމަށް ތައްޔާރުވާން ޖެހޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އެގޮތުން ކުރިއަށްއޮތީ ކޮވިޑާ އެކުގައި ދިރިއުޅުންކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

"އެއީ ހަގީގަތުގައި ވެސް ކޮވިޑާއެކު ދިރިއުޅެން ޖެހޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައިވަރު ބަދަލުތަކެއް ގެންނަންޖެހޭނެ"، އަފްޒަލް ވިދާޅުވިއެވެ. އެގޮތުން ގެންނަން ޖެހިދާނެ ބައެއް ބަދަލުތައް އެބޭފުޅާ ރޭ ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި މީހުންނާއި ބައްދަލުކުރުން ވީހާވެސް މަދުކުރުމާއި، ބަލީގެ އަލާމާތްތައް ފެންނަތޯ ހުޝިޔާރުވެ ތިބުމާއި އަދި ބަލި މީހުން ގޭގައި ކަރަންޓީންކުރަން ޖެހުން ހިމެނެއެވެ. އަދި ބަލި ޖެހޭ މީހުންނާއި މެދު ގެންގުޅޭ ގޯސް ވިސްނުންވެސް ބަދަލުކުރަންޖެހޭ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް