ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާތަނަށް 814 މިލިޔަން ރުފިޔާ ޚަރަދުކޮށްފި

12 May 2020 | 14:22

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާތަނަށް އެކި ކަންކަމަށް ގާތްގަނޑަކަށް 814 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ މެއި މަހުގެ 7ވަނަ ދުވަހާއި ހަމައަށް 814.2 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ ހަފްތާގައި ހޭދަ ކުރެވުނު ވަރާއި އަޅާބަލާއިރު، 22.4 އިންސައްތަ އިތުރު އަދަދެކެވެ.

މި އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން މެޑިކަލް އިކުއިޕްމަންޓާއި ނޭޝަނަލް މެޑިކަލް އިމަރޖެންސީ ސްޓޮކްޕައިލް އިތުރުކުރުމަށް އިތުރު ޚަރަދުތަކެއް ކުރަން ޖެހުންކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ އިދާރާއަކީ އެންޑީއެމްއޭއެވެ. އެންޑީއެމްއޭގެ ފަރާތުން ވަނީ 525.4 މިލިޔަނެއްހާ ރުފިޔާ މިހާތަނަށް ހޭދަކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާތަނަށް ކުރި ހުރިހާ ޚަރަދެއްގެ 91.5 އިންސައްތަ ނިސްބަތްވަނީ އެންޑީއެމްއޭ އަދި ހެލްތު މިނިސްޓްރީއަށެވެ. 

Advertisement

ކޮމެންޓް