Advertisement

ގޯޕްރައިމް މެދުވެރިކޮށް ދަނޑުވެރިންގެ އުފެއްދުންތައްވެސް މިހާރު ވިއްކޭނެ!

27 May 2020 | 12:12

ދިވެހިރާއްޖޭގައި ތަފާތު ބާވަތްތަކުގެ ތަކެތި ވިއްކާ ފަރާތްތައް އެއް ޕްލެޓްފޯމަކުން ފޯރުކޮށްދޭ ގޯޕްރައިމް އެޕްލިކޭޝަން މެދުވެރިކޮށް ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވޮއިސްއަށް މައުލޫމާތުދެމުން ގޯޕްރައިމްގެ އޮފިޝަލަކު ވިދާާޅުވީ ހުރިހާ ރަށެއްގެ ދަނޑުވެރިންނަށްވެސް އެފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން ގޯޕްރައިމް އެޕްލިކޭޝަންގައި އއ.ތޮއްޑޫ ދަނޑުވެރިންގެ ފިހާރައެއް ހުޅުވިގެން ދާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ދަނޑުވެރިންގެ ފިހާރަތަކުން ގަންނަ ތަކެތި ބޯޓުން މާލޭ ބަނދަރާއި ހަމައަަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވޮއިސްއާއި ވާހަކަދައްކަމުން ގޯޕްރައިމްގެ ޓީމުން ބުނީ މާލެ، ހުޅުމާލޭގެ އިތުރުން އއ. ރަސްދޫ، ލ. ގަން، ލ، މާވަށް، ފުވައްމުލައް، އަދި ސ. ހިތަދޫ އަދި ސ.ފޭދޫގައި ދިރިއުޅޭ ފަރާތްތަކަށް މި އެޕްގެ ޚިދުމަތް ލިބޭނެކަމަށެވެ. އަދި މި އެޕްގެ ޚިދުމަތް އެހެން ރަށްރަށަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.

މިހާރުވެސް އޮންލައިންކޮށް ތަކެތި ފޯރުކޮށްދޭ އެޕްތައް ހުރިއިރު، އެފަދަ އެޕްތަކާއި އަޅާބަލާއިރު ރަނގަޅު ކަންތައްތަކެއް ގޯޕްރައިމްގައި ހުރިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި އެޕްގައި ލިސްޓު ކޮށްފައިވާ ފިހާރަތަކަކީ ހަމައެކަނި ވަކި ގަޑިތަކެއްގައި އޯޑަރު ނަގާ ތަންތަން ކަމުގައިވާނަމަ، އޯޑަރު ނަގަން ފަށާ ގަޑިއެއްގައި ކަސްޓަމަރުންނަށް ނޮޓިފިކޭޝަންގެ ޒަރިއްޔާއިން އެނގޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން މިހާރު އޮންލައިކޮށާއި، ފޯން މެދުވެރިކޮށް އޯޑަރުކުރާއިރު އޯޑަރުކުރި ތަކެތި ސްޓޮކްނެތް މައްސަލައަށް މި އެޕްލިކޭޝަނުން ވަރަށްބޮޑަށް ހައްލުލިބިގެންދާނެއެވެ. އެގޮތުން ފިހާރާގައި ސްޓޮކްނެތްތަކެތި އެޕްލިކޭޝަނުން ވެސް ދައްކާނީ ސްޓޮކްނެތްކަމުގައެވެ. އެހެންކަމުން އޯޑަރުކުރާތަކެއްޗަކީ ފިހާރައިން ލިބެން ހުރި މުދާގެ ކަށަވަރުކަން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން ކަސްޓަމަރުން ބޭނުންވާ ފިހާރައަކަށް އޯޑަރު ދިނުމަށްފަހު އެ އޯޑަރެއް ފިހާރައިން ބަލައިގަތްކަން ނުވަތަ ނޫންކަން، އެޕްލިކޭޝަން މެދުވެރި ކޮށް ކަސްޓަމަރުންނަށް އެންގޭނެކަމަށްވެސް ގޯޕްރައިމްގެ ޓީމުން ފާހަގަކުރެއެވެ. އަދި އޯޑަރު ގައި ހިމެނޭ އައިޓަމެއް ފިހާރައިގައި ނެތްނަމަ އެކަންވެސް އެޕް މެދުވެރިކޮށް އެންގޭނެއެވެ.

މި އެޕްގައި ލިސްޓު ކުރުމަށް ބޭނުންވާ ވިޔަފާރިތަކުން ނުވަތަ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 9110666 ނަންބަރަށް ގުޅުމުން ނުވަތަ ވައިބާ، ވަޓްސްއެޕް ކުރެއްވުމުން ގޯޕްރައިމްގެ ޓީމުން އެ މައުލޫމާތެއް ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް