ބްލެކް ލައިވްސް މެޓަރ!! އޯލް ލައިވްސް މެޓަރ!! ރޭސިސްޓް ޝިއާރަކީ ކޮބައި ހެއްޔެވެ؟

04 Jun 2020 | 23:06

މިއިން އެއްވެސް ޝިއާރަކީ ދުރުން ބަލާލި މީހަކަށް ރޭސިސްޓް ޝިއާރުތަކެއް ނޫނެވެ. އެހެނަސް މި ދެ ޝިއާރު ވެސް ބޭނުންކުރަމުން އަންނަ ހާލަތަށް ވިސްނައިފި މީހަކަށް އެއްކަމެއް ފާހަގަ ވާނެއެވެ. "އޯލް ލައިވްސް މެޓަރ" ގެ ޝިއާރު ފާޅުވާނީ އަބަދުވެސް "ބްލެކް ލައިވްސް މެޓަރ" ހަރަކާތުގެ އަޑު ގަދަވާ ދުވަސްވަރެއްގައެވެ. ކީއްވެބާއެވެ. އާދެ، ހާލަތުގެ މިސްރާބު ބަދަލުކޮށްލުމަށެވެ. ވިސްނުން އަނބުރާލުމަށެވެ. ހާލަތު އަނބުރާލައި ޑިފްލެކްޓްކޮށްލުމަށެވެ.

މި ދައްކަން އުޅޭ ވާހަކަ އިތުރަށް ތަފުސީލުކޮށްލަދޭނަމެވެ. މަގެއްގައި ހުރި ހަތަރު ގެއެއް ހިތަށް ގެންނަވާށެވެ. އޭގޭ ތެރެއިން އެއް ގޭގައި އަލިފާން ރޯވެ އަނދަނީއެވެ.

މި ހާލަތުގައި އިސްކަމެއް ދޭނީ އޭގެ ތެރެއިން ކޮން ގެޔަކަށް އެހީތެރިވެދޭން ހެއްޔެވެ؟ ރޯވެފައިވާ ގެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ނޫންތޯއެވެ! "ބްލެކް ލައިވްސް މެޓަރ" ގެ ޝިއާރު ބޭނުން ކުރެވެމުން އައީ މި ދެންނެވި މިސާލުންނެވެ.

މި ހަތަރު ގެޔަކީ، އެމެރިކާގެ ނަސްލުތައް ކަމުގައި ބަލާށެވެ. "ބްލެކް ލައިވްސް މެޓަރ" ހަރަކާތުގެ އަޑު އުފުލާ ފަރާތްތަކުން ބުނަނީ މި ފަދައިންނެވެ. "އާދޭސް ކޮށްފައި މި އެދެނީ މި ގެއަށް އެހީތެރިވުމަށެވެ."

ދެން ވާގޮތަކީ މިއެވެ. "ބްލެކް ލައިވްސް މެޓަރ" ޝިއާރުގެ އަޑު ގަދަވާ ދުވަސްވަރަކަށް އަނެއް ބަޔަކު އައިސް ގޮވަން ފަށައެވެ. ކަޅު ނަސްލުގެ މީހުން އެކަނި ހެއްޔެވެ؟ ހުރިހާ ނަސްލެއް / ސަގާފަތެއްގެ މީހުން ވެސް މުހިންމު ނޫންތޯއެވެ!؟ އެހީތެރިކަން ދޭއިރު، އެހީތެރިވާން ޖެހޭނީ، ރޯވެފައިވާ ގެޔަށް އެކަންޏެއް ނޫނެއް ނޫންތޯއެވެ؟ ރޯ ނުވާ ގެތަކަށް ވެސް އެހީތެރިކަން ދޭން ޖެހޭނެ ނޫންތޯއެވެ!؟ އެމީހުންގެ މުހިންމުކަން ކުޑަވީތޯއެވެ؟

ތެދެކެވެ. ހުރިހާ ދިރިތިބީން ވެސް މުހިންމެވެ.

އާއެކެވެ. ތިބާގެ ދިރިހުރުން ވެސް މުހިންމެވެ. މުޖުތަމައުގެ ހުރިހާ އަފުރާދުންގެ ދިރިހުރުން ވެސް މުހިންމެވެ.

އެކަމަކު މި ދައްކަނީ ވަކި ހާލަތެއްގެ ވާހަކައެވެ. މުޖުތަމައެއްގައި އޮތް ވަކި ބަޔަކާ ދޭތެރޭ ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކެއްގެ ވާހަކައެވެ. ޒަމާނުންސުރެ މުޖުތަމައެއްގައި އޮތް ފަރަގުތަކެއް ނައްތާލުމަށް ފޯކަސްކުރެވިގެން ހިންގޭ ހަރަކާތްތަކެއްގެ ވާހަކައެވެ. ރަނގަޅު މަގުސަދެއްގައި، އިސްލާހެއް ގެނެވޭތޯ އުފުލާ އަޑުތަކެއްގެ ވާހަކައެވެ.

މި ހާލަތުގައި، ރޯވެފައި ނުވާ ތިބާގެ ގެއިން އަލިފާން ނިއްވާ މީހުންގެ އެހީތެރިކަމަށް އެދުމީ ބުއްދި ހަމަޖެހޭ ކަމެއް ހެއްޔެވެ؟ ނޫނެކެވެ.

އެހެންވީމާ، "އޯލް ލައިވްސް މެޓަރ" އޭ ބުނެ ވަކި ހާލަތެއްގައި އަޑުގަދަކުރާ މީހާގެ މުރާދާއި ވިސްނުން އެބަ ދެނެގަނެވޭ ނޫންތޯއެވެ. އެމީހާ އެގޮތަށް އަޑު އުފުލަނީ، ކަމުގެ ދިރުންހުރި ވިންދަށް ބަލާނުލެވޭތީއެވެ.

އެމީހުންގެ ހަގީގީ މަގުސަދަކީ "ބްލެކް ލައިވްސް މެޓަރ" ހަރަކާތުގެ ލަނޑުދަނޑި އަނބުރާލުމެވެ. މަގުސަދު އޮޅުވާލުމެވެ.

އެމީހުން ވަކާލާތު ކުރަނީ އެއް މުޖުތަމައެއްގައި އުޅޭ ބަޔަކު ވާންޖެހޭނީ ހަމަހަމަ ބަޔަކަށް ކަމުގައެވެ. އެކަމަކު އަމަލުން ފެންނަނީ އެ މަންޒަރެއް ނޫނެވެ. އެމެރިކާގެ އެއް މުޖުތަމައެއްގައި އުޅޭ ދޮން ނަސްލުގެ މީހާއަށް މުހާތަބުކުރެވެނީ ކަޅު ނަސްލުގެ މީހާއަށް މުހާތަބުކުރާ ގޮތަކަށް ނޫނެވެ. ބޭނުންތައް ފޯރުކޮށްދިނުމުގައި ވެސް ފެންނަނީ މި ފަރަގެވެ. ބަސްމޮށެ އުޅުމުގައި ބޭނުންކުރާ ބަހުރުވައާއި މުހާތަބުކުރެވޭ ގޮތް ވެސް ދެ ނަސްލުގެ ދެމެދުގައި އެތައް ފަރަގުތަކެއް ހުންނަނީއެވެ.

"ބްލެކް ލައިވްސް މެޓަރ" މޫވްމެންޓް ފެށިގެން އައީ އެ ފަދަ ފަރަގުތައް ޒަމާންތަކެއް ވާންދެން ފެންނަމުން ދަނިކޮށެވެ.

މި ދެންނެވި ވާހަކަ ފަހުމުކޮށްލުމަށް އިހަށް އެއް ފިޔަވަޅު ފަހަތަށް ޖެހިލައި، އަމިއްލަ ނަފުސަށް ސުވާލުކޮށްލަ ބަލާށެވެ. "އަހަރެންގެ ގޭގައި އަލިފާން ރޯނުވާ ހިނދުވެސް، އަލިފާން ނިއްވާ މީހުންގެ އެހީތެރިކަމަށް އެދެންވީ ހެއްޔެވެ؟

ފޮޓޯގެ ކަނާތް ފަޅިން ފެނިލައްވަނީ، ޖޯޖް ފްލޮއިޑެވެ.

އޭނާއަކީ އެފްރިކަން އެމެރިކަން އެކެވެ. ކަޅުނަސްލަށް އުފަން ހަތަރުކަށިމަތި އެމެރިކާގެ ރައްޔިތެކެވެ. އޭނާގެ ފުރާނަ ނެތް މަސްގަނޑު ކައިރީ އޭނާގެ ލޯބިވާ މަންމަ ގިސްލަގިސްލާފައި ރޯން އިނީ، ދޮން ނަސްލުގެ ފުލުހުންތަކެއްގެ ވަކިތަކުގެ ދަށުވެ ފުރާނަ ދޫކޮށްލަން ޖެހުމުންނެވެ. ޖޯޖްއަށް ތުހުމަތު ކުރީ ކަޅު ފައިސާ ގެންގުޅުމެވެ. ކުރެވުނީ ހަމައެކަނި ތުހުމަތެކެވެ.

ގަދަފަދަކަމާއެކު ފުލުހުން ޖޯޖްއާ ކުރިމަތިލީއިރު، އޭނާ އަތުގައި ހަތިޔާރެއް ނެތެވެ.

އޭނާ ހައްޔަރުކުރީ ކޮންގޮތަކަށް ހެއްޔެވެ؟

ކަރަށް ފައިން އަރައި ނޭވާ ހާސްކޮށްލައިގެން މަރާލީއެވެ. "އަހަންނަށް ނޭވާ ނުލެވެއޭ" ގޮވަގޮވައި އާދޭސްކުރަނިކޮށެވެ. އެތައް މިނެޓެއް ވަންދެން ނޭވާ ހާސްކޮށްލައިގެން ބޭއްވިއެވެ.

ފޮޓޯގެ ވާތް ފަޅިން އެ ފެނިލައްވަނީ ޑޭލަން ރޫފް ނަމަކަށް ކިޔާ އެމެރިކާގެ ދޮން ނަސްލަށް އުފަން މީހެކެވެ.

ދާދިފަހުން މީނާ ވަނީ ޗާޗެއް ތެރެއަށް ހަތިޔާރާއެކު ވަދެ، ކުށެއްނެތް ނުވަ މީހުން މަރާލާފައެވެ. އެއްވެސް ސަބަބެއް އޮވެގެނެއް ވެސް ނޫނެވެ.

މީނާ އަކީ އަތުގައި ހަތިޔާރު އޮތް ނުރައްކާތެރި މުޖުރިމެކެވެ.

މީނާ ހައްޔަރުކުރީ ކޮން ގޮތަކަށް ހެއްޔެވެ؟ ހިމޭންކަމާ އެކުގައެވެ. ފުލުހުންގެ ގަދަބާރެއް ނުދައްކައެވެ. ކަރަށް ފައިން ނާރައެވެ.

އެމެރިކާގެ ހުރިހާ ފުލުހުންނަކީ "ރޭސިސްޓް" ބައެކޭ "ބްލެކް ލައިވްސް މެޓަރ" ހަރަކާތުގެ ބައިވެރިން ނުގޮވައެވެ. ކަޅު ނަސްލުގެ މީހުންނަށް ކުރާ އަނިޔާތަކާއި ގޯނާތަކަށް އެމެރިކާގެ ދޮން ނަސްލުގެ އެންމެން ޒިންމާވާން ޖެހޭނޭ ވެސް ގޮވަނީކީ ނޫނެވެ.

އެކަމަކު، "ބްލެކް ލައިވްސް މެޓަރ" މޫވްމެންޓުން ގޮވަނީ ދެ ނަސްލުގެ މީހުންގެ މެދުގައި އޮތް ފަރަގު ނައްތާލުމަށެވެ. ޒަމާނުންސުރެ އެމެރިކާގައި ބަދަލު ނުވެ އޮތް ނަސްލީ ތަފާތު ކުރުމުގެ ސަގާފަތް ބަދަލުކުރުމަށެވެ.

"އޯލް ލައިވްސް މެޓަރ" އޭ ބުނެ ވަކާލާތުކުރަންވީ ކަޅު ނަސްލުގެ މީހުންގެ ހައްގުތަކުގެ ވާހަކަ ދައްކަން ފެށީމަތޯއެވެ. ހުރިހާ ދިރިތިބީން މުހިންމުކަމަށް އެމެރިކާގެ މުޖުތަމައު ބަލައިގަންނަ ނަމަ، އަޑު ނެތްކޮޅަށް ކަޅު ނަސްލުގެ މީހުން އެ ޝިއާރު ބޭނުންކުރަން ނުޖެހުނީހެވެ. އެހެން މީހުންނަށް އެކަން ހަނދާންކޮށްދޭން ނުޖެހުނީހެވެ.

ހުރިހާ ދިރިތިބީން މުހިންމުކަމަށް މުޖުތަމައު ބަލައިގަންނަ ނަމަ، އަލިފާން ނިއްވާ މީހުންގެ އެހީތެރިކަން ފޯރުކޮށްދޭނީ ރޯވެފައިވާ ގެއަށެވެ.

ހުރިހާ ދިރިތިބީން މުހިންމުކަމަށް މުޖުތަމައު ބަލައިގަންނަ ނަމަ، އެހެން މީހުންނޭ އެއްފަދައިން ކަޅު ނަސްލުގެ މީހުންނަކީ ވެސް "ދިރިތިބީން" ގޮތުގައި ގަބޫލުކުރަން ޖެހެއެވެ.

ލިޔުނީ: އިބްރާހިމް އަހްމަދު

Advertisement

ކޮމެންޓް