ރާއްޖޭގެ ވެރިންގެ އަބުރާއިބެހުމަށް އެރުވުނު ލަގަބުތައް

16 Nov 2018 | 07:24

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހަޅައިގެން ފާސްކޮށް އަމަލުކުރެވެމުންދިޔަ އަބުރާއިބެހުން ހުއްޓުވުމުގެ ގާނޫން ރައްޔިތުންގެ މަޖިލީހުން އުވާލުމުން ރާއްޖޭގެ ބައެއް ނޫސްތަކުން އެކަމަށް ވަރަށް ތާރީފްކޮށް އެމީހުން އެގާނޫންގެ ދަށުން ތަހައްމަލްކުރި ހިތްދަތި ދުވަސްތައް ވަރަށް އަސަރާއެކު ފާޅުކުރަމުން އެބަގެންދެއެވެ.

މިގާނޫން އޮތް އިރު އެނޫސްތަކުގައި ރަނގަޅު އޮއްޓަރުހުރި ވާހަކައެއް ނުލިޔެވެޔޯލައެވެ. އެލިޔުން ރައްދުވާމީހެއްގެ އަބުރާއި ބެހެވިދާނެތީއެވެ. އެކަމަކު ނޫސްތަކުން އެކިއެކި ތުހުމަތުތަކުގައި އަބުރު ކަތިނުލާމީހަކު އެބަހުރިތޯއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި 38 މެމްބަރަކު އަބުރާއިބެހުން ހުއްޓުވަން އޮތްގާނޫން އުވައިލަން ވޯޓްދިނެވެ. އިހަށްދުވަހު އެންޓި ޑިފެކްޝަންގެ ގާނޫން އުވާލުމުން ފެން އޮތްތަނަށް މަސްދާ އުސޫލުން އަދި ލާރިއޮތްތަނަކަށް މީހުންދާ އުސޫލުން ޕާޓީ ބަދަލުކުރުމުގެ ކަންކަން އެކުރަނީއެވެ.

އަޅުގަޑު އެއްކަމެއް ފާހަގަކޮށްލަން ބޭނުންވެއެވެ. މީސްތަކުންގެ އަބުރާބެހުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަމެކެވެ. ކީރިތި ގުރުއާންގައި ކަނޑައެޅިގެން އެކަން ބަޔާންކުރައްވާފައިވީހިނދު އަބުރާއިބެހުން ހުއްޓުވުމަށް ގާނޫނެއް ހެދީމާ އެގާނޫނާ ދެކޮޅަށް ބަސްބުނުމުން އެދޭހަކޮށްދެނީ ކޮންކަމެއްތޯއެވެ. 

ރާއްޖޭގައި މީސްތަކުންގެ އަބުރާއިބެހުމަކީ ބޮޑު މައްސަލައެކެވެ. އެކަން އޮތް މިންވަރު ޅެންވެރިއެއްގެ ގަލަމުންސިފަކޮށްދީފައިވާގޮތް ދޮގުކުރެވިދާނެހެއްޔެވެ. ގައުމުގެ ރައީސުންނަށް އަރުވާފައިވާ ނުބައި ލަގަބުގެ ގޮތުގައި ޅެންވެރިޔާ ގެނެސްފައިވަނީ އިބްރާހިމް ނާސިރަށް " ކަރުކުރުބެ" މައުމޫން އަބްދުލް ގައްޔޫމަށް " ގޮޅާބޯ" މުހައްމަދު ނަޝީދަށް " ގަންޖާބޮލޭ" މުހައްމަދު ވަހީދަށް " ކަޅުކާޅެކޭ" ޔާމީން އަބްދުލް ގައްޔޫމްގެ އަބުރާބެހުމަށް " ދެން ވަކިން ނުގޮވާ ހުތުރުއެއްޗެއް ނެތޭ" މިހެންނެވެ. 

ޔާމީނަށް ގޮވަނީ ވަގެކޭ ކިޔާފައެވެ. ދިވެހިރާއްޖޭގެ މީޑިއާގައި އެބޭފުޅެއްގެ އަބުރުކަތިލައިނުހަދާ އެއްވެސް ރައީސަކު ނެތެވެ. މައުމޫންގެ ވެރިކަމުގައި އިބްރާހިމް ނާސިރަށް ހުތުރުއެއްޗެހި ގޮވައި ކާޓޫން ކުރަހައި ހެދީމާ ދުވަސްކޮޅަކުން މުހައްމަދު ނަޝީދު އިސްވެހުންނަވައި މައުމޫނަށް އެއްޗެހި ގޮވައި ކާޓޫން ކުރަހައި ހެދިއެވެ. 

ދެން ނަޝީދު ވެރިކަމަށް އެރީމާ ދެން އައިބަޔަކު ގޮވި ހުތުރުއެއްޗެއްސާއި ކުރެހި ކާޓޫންތައް އެހުރީއެވެ. އަބުރާބެހުމުގެ މިހުތުރު ޖަރީމާ ހިންގާފައިވަނީ ދިވެހި ރާއްޖޭގެ މީޑިއާގެތެރެއިންނެވެ. ސާބިތު ނުހިފޭ ވާހަކަ ދައްކައި އަބުރުކަތިލުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެތެރޭގައި ހިމެނޭ ހުއްދަކަމަކަށް ހަދަނީ ޖާހިލުކަމުންނެވެ. އެކަމުގައި ހުރި ވައީދުގެ ބަސްފުޅު ވަޒަން ކުރަން ނޭގެނީއެވެ. މީގެމާނައަކީ ނޫސްވެރިކަން ނުކުރުމެއްނޫނެވެ.

ނޫސްވެރިކަން އިނދަޖެއްސީ އަބުރާއިބެހުން ހުއްޓުވުމުގެ ގާނޫނަކުން ނޫނެވެ. ނޫސްވެރިކަމުގެ އަޚްލާގީ މިންގަޑުތަކާއި ނޫސްވެރިކަމުގެ ހަމަތަކާއި އުސޫލުތަކާއި އިސްލާމީ އެތިކްސް މުގުރައިލީ މީޑިއާ އޯގަނައިޒޭޝަންތަކުންނެވެ. މީޑިއާ އޯގަނައިޒޭޝަންތައް ދިވެހި ރާއްޖޭގައި ބޭނުންކުރެވެނީ ސަރުކާރުތައް ވަށްޓައި ސަރުކާރުތައް ދިފާއުކުރުމުގެ ޕްރޮޕެގެންޑާ މެޝިނަކަށެވެ. މިހާރު ނޫހެއް ޕީއެސްއެމްއެއް ރާއްޖެ ޓީވީއެއް ވީޓީވީއެއް ކިޔާނެކަމެއް ނެތެވެ. އެއޯގަނައިޒޭޝަންތަކުގައި ލާރިދިނީމާ އެލާރިދޭ މީހާ ބޭނުންވާގޮތަށް އާޓިކަލްތައް ލިޔެދޭ މީހުން ތިބޭކަން ސިޔާސީ މީހުން ރަނގަޅަށް ދަނެއެވެ. 

Advertisement

ކޮމެންޓް