ނަވީން މިއީ ދިވެހި ޑިޒްނީ ޕްރިންސެއްތަ؟

04 Jul 2020 | 12:28

ދިވެހިރާއްޖޭގައި މިހާރު ތިބި ޒުވާން ޖީލުގެ ގިނަ ފަރާތްތަކުން ކުޑައިރާއި ބޮޑުވަމުންދިޔަ ދުވަސްވަރު ހަޔާތުގެ އެންމެ ބޮޑު އެއް ބަޔަކަށް ވާނީ ކާޓޫނެވެ. ޓީވީއެމުން ކޮންމެ ދުވަހެއްގެ ހަވީރު ދައްކަމުންދިޔަ ކާޓޫންތަކުން ފެށިގެން، އަމިއްލައަށް ސީޑީ ގަނެގެން ގޭގައި ބެލުނު ކާޓޫންތައްވެސް ވަކި މަދެއް ނުވާނެއެވެ. އޭރު މުނިފޫހިފިލުވާލެވެން އޮތް މުހިންމު އެއް ވަސީލަތަކީ އެއީއެވެ. 

އެގޮތުން ބަލާލާއިރު މަޝްހޫރު ވޯލްޓް ޑިޒްނީ ކުންފުނިން އުފައްދަމުންދިޔަ ކާޓޫންތަކަކީ ދިވެހިންނާއި ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކާޓޫންތަކެކެވެ. ރަނގަޅު އެނިމޭޝަނާއި ލަވަތައް ހިމެނި، ވާހަކަ ގެނެސްދޭ ގޮތް ރީތިކަމުން ކަމަށް ވެދާނެއެވެ. ނުވަތަ ހަމަ ބްރޭންޑް ނަމުގެ ގޮތުން އަަޅައިގަންނަނީ ކަމަށްވެސް ވެދާނެއެވެ.

އެގޮތުން އެކުންފުނިން 2009 ވަނަ އަހަރު ނެރުނު "ދަ ޕްރިންސެސް އެންޑް ދަ ފްރޮގް" ކާޓޫނަކީ ގިނަބައެއްގެ މެދުގައި މަގުބޫލުވި ކާޓޫނެކެވެ. ކުރުގޮތަކަށް ދަންނަވާނަމަ މިއީ ބޮކަކަށް ބަދަލުވި ޕްރިންސް ނުވަތަ އަމީރަކާއި އާދައިގެ އަންހެން ކުއްޖެއްގެ ދެމެދު އުފެދުނު ލޯތްބެއްގެ ވާހަކައެވެ. އެ ކާޓޫންގައި އުޅޭ ޕްރިންސް ނަވީން އަލުން އަނބުރާ އިންސާނަކަށް ބަދަލުވީ އިންސާނަކާއި އިނދެވުމުންނެވެ.

އިއްްޔެގެ ވަގުތެއްގައި މީސް މީޑިޔާގައި ވަނީ މި ޕްރިންސް ނަވީންއާއި ގުޅޭ ޚާއްސަ ވާހަކައެއް ސަމާލުކަމަށް އައިސްފައެވެ. އެ ކާޓޫންގައިވާ ގޮތުގައި ނަވީނަކީ މަލްޑޯނިޔާ ކިޔާ ގައުމެއްގެ ޕްރިންސް ނުވަތަ އަމީރެވެ. ޑިޒްނީ ވިކީ އިން ބުނާގޮތުގައި މަލްޑޯނިޔާ އުފެދިފައިވަނީ މޯލްޑިވްސް (ދިވެހިރާއްޖެ) އަދި މެސެޑޯނިޔާ އެއްކޮށްލައިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނަވީން މި ނަމަކީ ސާންސްކްރިތް ނަމެކެވެ. އޭގެ މާނައަކީ އައު ނުވަތަ އުޖާލާކަމެވެ. އަދި މި ނަމަކީ ދިވެހިރާއްޖޭގައި ބައެއް ފަރާތްތަކަށް ކިޔައިއުޅޭ ނަމެކެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން ބުނިގޮތުގައި މަލްޑޯނިޔާގެ ރާނީ ކަމަށްވާ ނަވީންގެ މަންމަ އެ ކާޓޫނުން ދައްކާއިރު ހުންނަނީ ސާޅީ ހެދުމެއް އަޅައިގެންނެވެ. ސާޅީއަކީ އެއް ޒަމާނެއްގައި ދިވެހި އަންހެނުންވެސް އަަޅައި އުޅުނު އެއްޗެކެވެ.

އެހެންކަމުން ނަވީން ހަމަ ހަގީގަތުގައިވެސް މިއީ ދިވެހި ޑިޒްނީ ޕްރިންސްއަކަށް ވުމަކީ ގާތުގައި އޮތް ކަމެކެވެ. 

Advertisement

ކޮމެންޓް