އުތެމައަށް ފިޔަވަޅު އެޅުމަށް 30 ޖަމިއްޔާއަކުން ގޮވާލައިފި

23 Jul 2020 | 21:01

އިސްލާމްދީނާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން ނެރުނު ރިޕޯޓް ބަލައިގަނެ، ރާއްޖޭގައި ހިންގަމުންދާ އުތެމަ ޖަމިއްޔާއިން އިތުރު ރިޕޯޓެއް ތައްޔާރުކޮށްފައިވާތީ އެ ޖަމިއްޔާއާ އެ މަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާ 30 ޖަމިއްޔާއަކުން ބަޔާން ނެރެފި އެވެ.

އުތެމަ ޖަމްޢިއްޔާގެ ފަރާތުން ތައްޔާރުކޮށްފައިވާ މި ރިޕޯޓަކީ އަންހެނުންނާއިމެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމާއި ބެހޭ އދ. ގެ ބައިނަލްއަޤުވާމީ މުޢާހަދާ (ސީޑޯ) ގެ ކޮމިޓީއަށް ދިވެހި ދައުލަތުން ތައްޔާރުކޮށް އެޕްރިލް 2015 ގައި ހުށަހަޅާފައިވާ 6 ވަނަ ޕީރިއޮޑިކް ރިޕޯޓާއި ހަވާލާދީ އެކޮމިޓީއަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ހިޔަނި' ނުވަތަ ޝެޑޯ ރިޕޯޓެކެވެ. މިރިޕޯޓަކީ ދައުލަތުގެ ރިޕޯޓަށް ރިއާޔަތްކޮށް އުތެމަ ޖަމްޢިއްޔާއިން ތައްޔާރުކުރެވިފައިވާ ފުރިހަމަ ރިޕޯޓެއްގެ ޚުލާސާރިޕޯޓެކެވެ.

އުތެމާގެ ރިޕޯޓު ހަދަން ވެސް ފަންޑު ކޮށްފައިވަނީ، އެމްޑީއެން ރިޕޯޓު ހަދަން ފަންޑުކޮށްފައިވާ ކެނެޑާގެ "ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް" އިންނެވެ.

މި ރިޕޯޓުގައި 5 ވަނަ މާއްދާގައި ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރިއްޔާތާއި އޭގެތެރޭގައި އަންހެނުންނާއި މެދު ތަފާތުކުރުންތައް ކުރިއަރުވާ އަންހެނުންނަށް އަނިޔާކުރުންފަދަ އިޖްތިމާއީ ހަމަޖެހުން ގެއްލޭފަދަ ވާހަކަތައް ޝަރީއާގެ އެކި ތަރުޖަމާތަށް ބޭނުންކޮށްގެން ދެކެވޭ ވާހަކަތަކުގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ 30 ޖަމިއްޔާއަކުން މިއަދު ނެރެނު ބަޔާނުގައި ބުނެފައިވަނީ "އުތެމަ" އިން ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓުގައި "އެމްޑީއެން"ގެ ރިޕޯޓު ބަލައިގަނެ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ދީނާ ހިލާފު ކަންތައްތައް ބަލައިގަތުމަށް ގޮވާލާފައިވުމީ މާ ބިރުވެރި ނުރައްކާތެރި ކަމެއް ކަމަށެވެ.

"..އަދި މިއީ ދިވެހިންގެ ދީނަށް އިހުތިރާމު ކުޑަކުރުމެއް. އަދި މިއީ ﷲގެ ދީނަށް ފުރަގަސްދީ އެދީނުން މޫނު އަނބުރާލުމެއް،" ޖަމިއްޔާތަކުގެ ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ރިޕޯޓަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ގޮންޖަހާ ނެރެފައިވާ ރިޕޯޓެއް ކަމަށެވެ. އަދި އިސްލާމްދީނަށް އެ ރިޕޯޓުގައި ފުރައްސާރަ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ކުޅިވަރު ޖަމިއްޔާތަކާއި މަދަނީ ބައެއް އެހެން ޖަމިއްޔާތަކުގެ އިތުރުން ދީނީ ޖަމިއްޔާތައް ގުޅިގެން ނެރެފައިވާ ބަޔާނުގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރެފައިވާ އެމްޑީއެން އުވާލާފައިވީ ނަމަވެސް އެ "މުޑުދާރު" އަމަލު ހިންގި މީހުންނަށް އެއްވެސް ފިޔަވަޅެއް އެޅުފައި ނުވާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އުތެމަ ޖަމިއްޔާގެ މައްސަލައިގަ އަދާލަތު ޕާޓީން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

Advertisement

ކޮމެންޓް