ކައްދޫއިން ފެނުނީ "އެއްބުރުން މުއިއްޒު" ހޮވުމުގެ ރޫހު
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ލ ކައްދޫއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.
ކައްދޫއަކީ ޑރ މުއިއްޒު ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.

ޑރ މުއިއްޒަށް މަރުހަބާ ދެންނެވުމަށް އެމަނިކުފާނުގެ ގިނަ އަދަދެއް ސަޕޯޓަރުން މުޅި ސަރަހައްދު ފުރާލާފައިވާއިރު، މަރުހަބާ ދެންނެވުމަށް ގިނައަދަދެއްގެ ޒުވާނުންނާއި އަންހެނުން އިސްތިގުބާލުގައި ތިބި މަންޒަރު ފެނިގެންދެއެވެ.
ޑރ މުއިއްޒު ވަނީ އެމަނިކުފާނުގެ އިސްތިގުބާލުގައި ތިބި އެންމެންނާއި ސަލާންކޮށްފަ އެވެ. އެގޮތުން އެ އެންމެނާއި ސަލާންކުރުމަށް 45 މިނެޓަށްވުރެ ގިނަ ވަގުތު ހޭދަވެގެން ދިޔައެވެ.

ޑރ މުއިއްޒަށް މަރުހަބާ ދެންނެވުމަށްޓަކައި ކައްދޫއިން ދިޔަ ގިނަ ސަޕޯޓަރުން ބުނީ ލ އަތޮޅުގެ މެޖޯރިޓީ ޑރ މުއިއްޒަށް ހޯއްދަވާދެއްވާނެ ކަމަށެވެ. އަދި އެމީހުންެގ ތެރޭގައި އޮތީ އެއްބުރުން ޑރ މުއިއްޒު އިންތިޚާބު ކުރުމުގެ ރޫހު ކަމަށެވެ.
އެމަނިކުފާނު ސަޕޯޓަރުންނާއި ސަލާން ކުރަމުން ދިޔަ ވަގުތު "އެއްބުރުން ޑރ މުއިއްޒު" ހޮވާނެކަމަށް ބުނެ ސަޕޯޓަރުން ވަނީ އަޑުއުފުލާފަ އެވެ.

ކައްދުއަށް ޑރ މުއިއްޒު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މިރޭ ޑރ މުއިއްޒު ބައިވެރިވެވަަޑައިގަންނަވާ ރިޔާސީ ކެމްޕޭނުގެ ބޮޑު ޖަލްސާއެއް ލ ފޮނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޑރ މުއިއްޒުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެން ތިއްބެވިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް