ދައުލަތުން ލިބެންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި
ދައުލަތުގެ އިދާރާތަކުން އަމިއްލަ ފަރާތްތަކަށާއި ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާއާއި، އެ ފަރާތްތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކްސް އަޅައިކެނޑޭނެ އިންތިޒާމެއް މިނިސްޓްރީ އޮފް ފިނޭންސުން ހަމަޖައްސައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނީ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއްވާ ނަމަ، މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން، ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކަނޑައިދޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މި އިންތިޒާމުގެ ދަށުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދައްކާފައިނުވާ ބިލްތަކަށް ސަރުކާރުން ފައިސާ އަޅައިކަނޑައިދޭނީ ދެ އުސޫލަކުންނެވެ. އެގޮތުން، މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާގެ އަދަދު، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށްވުރެ ބޮޑުވާނަމަ، ސަރުކާރުން ދައްކަންޖެހޭ ފައިސާ އުނިކުރުމަށްފަހު ބާކީވާ އަދަދު ޓެކުހުގެ ގޮތުގައި އެ ފަރާތުން މީރާއަށް ދައްކަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އަދި ހަމައެއާއެކު، ވިޔަފާރިތަކުން ހުށަހަޅާފައިވާ ބިލްތަކަށް މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށްވުރެ ކުޑަނަމަ، ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށްފަހު ބާކީވާ އަދަދު ސަރުކާރުން އެ ފަރާތަކަށް ދައްކައި ޚަލާސްކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ވިދާޅުވީ، މީރާއަށް ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާގެ ތަފްސީލުތަކާއެކު، އެ އިދާރާއިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުށަހެޅުމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ. މި ނިންމުމަކީ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް