ރާއްޖެއިން ކޮޑި އިންޗިއެއްވެސް ގެއްލޭނެ ނިންމުމަކަށް ތާއީދެއް ނޫން: ޤާސިމް
ރާއްޖެއިން ކޮޑި އިންޗިއެއްވެސް ގެއްލޭނެ ނިންމުމަކަށް ތާއީދު ނުކުރައްވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޗާގޯސް މައްސަލައިގައި ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗާގޯސްއާ ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލައިގައި އިޓްލޮސްއިން އިއްވި ޙުކުމަކީ،އި ގްތިޞާދީ ނަފާހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދު ހޯދުމަށް އޮތް ރަނުގެ ފުރުޞަތު ގެއްލިގެންދިޔަ ޙުކުމެއް ކަމުގައި ދެކޭ ކަމަށެވެ.
"ދިވެހީންނަށް މިފުރުޞަތު ގެއްލިގެންދިއުމުގައި، ދިވެހިސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް، ރައީސުލް ޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވިސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން، ފަނޑިޔާރު އިއްވެވި ޙުކުމުގެ ޤަޟިއްޔާގެ 20 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮވޭ" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ، މިޢަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫންއަސާސީގެ 3 ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ޚިލާފަށް ކުރެއްވެވި ޢަމަލަކަށް ނުވޭތޯއެ ސުވާލު އުފައްދާފައެވެ.
"ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާން" ޤާސިމް ވިދާޅުވިއެވެ.
އެހެންކަމުން އިޓްލޮސް ގެ މި ޙުކުމާ ގުޅިގެން ދިވެހީންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަޙައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެމަގަށް ދިވެހިރައްޔިތުންނާ އެކު އިޚްލާޞްތެރިކަމާ އެކު މަސައްކަތް ކުރުމަށް ނުކުމެ ތިބި ކަމަށް ޤާސިމް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް