މިއޮތީ ފިހަން ނުޖެހޭ ޗީޒް ކޭކުގެ ރެސިޕީ!
މިހުކުރު 'ވޮއިސް'ގެ ބަދިގެއިން މި ގެނެސްދެނީ ފިހަން ނުޖެހޭ ވަރަށް ފަސޭހަ ކަމާއި އެކު ތައްޔާރު ކޮށްލެވޭ، އަނގަޔަށް ވިރިގެންދާފަދަ ޗީޒް ކޭކެއްގެ ރެސިޕީއެވެ. ހުކުރު ދުވަހުގެ ޑެސާޓަށްވެސް މީތި ބަރާބަރު ވާނެއެވެ.
ކްރަސްޓް ހަދަން ބޭނުންވާ ތަކެތި
1 1/2 ޖޯޑު މުޖުރާފައި ހުރި މާރީ ބިސްކޯދު
1 މޭޒުމަތީ ސަމުސާ ހަކުރު
8 މޭޒުމަތީ ސަމުސާ ބަޓަރ
ޗީޒް ކޭކު ހަދަން ބޭނުންވާ ތަކެތި
300 ގ ކްރީމް ޗީޒް
2/3 ޖޯޑު ހަކުރު
1 1/4 ވިޕިން ކްރީމް (ފިނި ކޮށްފައި)
2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
ސްޓޯބެރީ ޓޮޕިންގްސް ހަދަން ބޭނުންވާ ތަކެތި
250 ގ ސްޓޯބެރީ (ކިޔުބްކޮށް ކޮށާފައި)(ފްރެސް ސްޓޯބެރީ ނެތް ނަމަ ފްރޯޒެން ސްޓޯބެރީ ވެސް ރަނގަޅު ވާނެ)
1/3 ޖޯޑު ހަކުރު
1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
ތައްޔާރުކުރާނެ ގޮތް
1) ތަށްޓެއްގެ ތެރޭގައި ބިސްކޯދާއި ހަކުރާ، ބަޓަރ ރަނގަޅަށް އެކުލަވާލާށެވެ. ދެން ކޭކު އަޅާ ޓްރޭއަކަށް އަޅުމަށްފަހު ރަނގަޅަށް އޮބާ އެއްވަރުކޮށްލާށެވެ. ދެން އައިސް އަލަމާރިއަށްލައި 30 މިނެޓް ވަންދެން ބަހައްޓާ ހަރުކޮށްލާށެވެ.
2) ސްޓޯބެރީ ޓޮޕިންގްސް ހަދަން ސްޓޯބެރީ އާއި ހަކުރާއި ލުނބޯހުތް މަޑު ގިނީގައި ތަވައެއްގެ ތެރޭގައި އެކުލަވާލާށެވެ. ގިނަ އިރު ވާވަރަށް ސްޓޯބެރީ އިން ދިޔަ ނުކުމެ ސޯސް ގަނޑު ދިޔާވާން ފަށާނެއެވެ. ގާތްގަނޑަކަށް 20 މިނެޓް ވަންދެން ނުވަތަ ސިރަޕް އަށް ވާން ފެށުމުން އުނދުން ނިއްވާލާފައި ހިހޫ ކުރަން ބަހައްޓާލާށެވެ.
3) ޗީޒް ކޭކު ހަދަން، ހެންޑް މިކްސަރަކުން ކްރީމް ޗީޒް އާއި ހަކުރު ރަނގަޅަށް، ފްލަފީ ވަންދެން އެކުލަވައިލާށެވެ. އެއަށްފަހު އިތުރު ތަށްޓެއްގައި ހެންޑް މިކްސަރ ބޭނުންކޮށްގެން ވިޕިން ކްރީމް ކޮޅު ވިޕް ކޮށްލާށެވެ. ދެން ސަމުސަލަކުން ކްރީމް ޗީޒް އާއި ވިޕިން ކްރީމް އެކުލަވަމުން އޭގެ ތެރެއަށް ލުނބޯހުތް ފޮދު އަޅުވަމުން ދާށެވެ.
4) ދެން ޗީޒް ކޭކު މިކްސްޗަރ ބިސްކޯދު އެޅި ޓްރޭގެ ބިސްކޯދު މައްޗަށް އަޅާ ރީތިކޮށް އެއްވަރަށް އަތުރާލާށެވެ. އެއަށްފަހު، އޭގެ މައްޗަށް ސްޓޯބެރީ ޓޮޕިންގްސް ވެސް ރަނގަޅަށް އަޅާލާށެވެ. ދެން 6 ގަޑި އިރު ނޫނީ އެއަށްވުރެ ގިނައިރު ވަންދެން އައިސްއަލަމާރި އަށްލައި ފިނި ކޮށްލާށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް