މިވަގުތު ކަރަންޓީންގައި ތިބީ ތިން ދިވެހިން!
ކޮރޯނާ ވައިރަހާއި ގުޅިގެން އަމަލުކުރަމުންދާ އުސޫލުތަކުގެ ދަށުން މިވަގުތު ކަރަންޓީންގައި ތިބީ ޖުމްލަ ތިން ދިވެހިންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދިންގޮތުގައި ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ޗައިނާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ދިވެހިރާއްޖެއަށް ނުވަދެވޭ ގޮތަށް ބޯޑަރ ކޮންޓްރޯލް ހަރުދަނާކުރިއިރު، އޭގެ ފަހުން އެގައުމުން އައި ދިވެހިން ކަރަންޓީންކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އެއީ އެފަރާތްތަކުން ޗައިނާއިން އަންނަތާ 14ދުވަސް ވަންދެން ކަރަންޓީން ކުރުމުގެ އުސޫލެއްކަމަށް ރައީސް އޮފީހުން މައުލޫމާތުދިނެވެ. މިފަރާތްތައް ޗައިނާއިން އައި އިރުގައި ނޮވެލް ކޮރޯނާ ވައިރަސް ޖެހިފައިވާކަމުގެ ނިޝާނެއް ނެތެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ މިދިޔަ ބުރާސްފަތި ދުވަހު ކޮރޯނާ ވައިރަހާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެވުނު އިރު، ކަރަންޓީންގައި ތިބީ ދެ ދިވެހިން ކަމަށެވެ. އަދި އެ ދުވަހުގެ މެންދުރުފަހުގައި އިތުރު ދިވެއްސެއް ޗައިނާއިން ރާއްޖެއަށް އައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އަދި ބޯޑަރ ކޮންޓްރޯލްގެ އާ އުސޫލުގެ ދަށުން މިހާތަނަށް 27 ފަރާތަކަށް ރާއްޖެއަށް ވަނުމުގެ ހުއްދަ ނުދީ ހިފަހައްޓާފައިވާނެކަމަށް ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް