މިއަހަރުގެ ފުރަތަމަ މަހުގައި ދައުލަތުން ކުރި ޚަރަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެއްޖެ
2020ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ދައުލަތުން ކުރި ޚަރަދާއި އަޅާބަލާއިރު ލިބުނު އާމްދަނީގެ އަދަދު އިތުރުކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ މަހުގައި ދައުލަތަށް 1.6 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ދައުލަތުގެ ޚަރަދުތައް ހުރީ 1.4 ބިލިޔަން ރުފިޔާގައެވެ. މިއީ 113 މިލިޔަން ރުފިޔާގެ އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.
މިދިޔަ މަހުގައި ދައުލަތަށް ލިބުނު އާމްދަނީތަކުގެ ތަފްސީލަށް ބަލާލާއިރު، އެންމެ ގިނަ އަދަދަކަށް އާމްދަނީ ލިބިފައިވަނީ ތަފާތު ބާވަތްތަކުގެ ޓެކްސްއިންނެވެ. ޓެކްސްއިން ދައުލަތަށް ލިބުނު އާމްދަނީގެ އަދަދު 1.42ބިލިޔަން ރުފިޔާއަށް އަރާއިރު، އޭގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީއެވެ.
ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހުގައި ދައުލަތަށް ވަނީ 725 މިލިޔަން ރުފިޔާ ލިބިފައެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަމަހު ލިބިފައިވަނީ 180 މިލިޔަން ރުފިޔާކަމަށް ފިނޭންސުން މައުލޫމާތުދެއެވެ.
ފޮޓޯ: މިހާރު
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް