ކުދިންނަށް ދެއްކޭ މަންޒަރުތަކަށް ސަމާލުވުން މުހިންމު!
މާތްﷲ ސުބުހާާނަހޫ ވަތައާލާ ކޮންމެ އިންސާނަކުވެސް މި ބިންމައްޗަށް ފޮނުއްވަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ. ބޮޑެތި މީހުންގެ މައްޗަށް އަމާނާތެއްގެ ގޮތުގައި ކުޑަކުދިން މި ބިންމައްޗަށް ފޮނުއްވާއިރު، އަޅުގަނޑުމެންގެ ބޮލުގައި ވަރަށް މުހިންމު އަމާނާތެއް ވަނީ އެޅިފައެވެ. އެއީ އެކުދިންނަށް ލޯތްބާއި އަޅާލުންދީ، ރައްކާތެރި މާހައުލެއްގައި ފުރިހަމަ ތަރުބިއްޔަތަކާއި އެކު ބޮޑުކުރުމުގެ މަތިވެރި ޒިންމާއެވެ.
މި ޒިންމާއަކީ ހަމައެކަނި ކުއްޖާގެެ މައިންބަފައިންނާއި އާއިލާއިން އަދާކުރަންޖެހޭ ކަމެއް ނޫނެވެ. ކުޑަކުދިންނަކީ މުސްތަގްބަލްގައި ގައުމުގެ ހުންގާނުގައި ހިފަން ތިިބި ފަރާތްތައް ކަމުގައިވުމާއި އެކު އެކުދިންނަށް ލޯތްބާއި އަޅާލުން ފޯރުކޮށްދީ، ފުރިހަމަ ތަރުބިއްޔަތެއްގައި ރައްކާތެރިކަމާއި އެކު ބޮޑުވަމުންދޭތޯ ކަށަވަރުކުރުމަކީ މުޖުތަމައުގެ ކޮންމެ އަފްރާދެއްގެވެސް ޒިންމާއެކެވެ.
ދައްކަން މިއުޅެނީ އުނދަގޫ ވާހަކައެކެވެ. ނަަމަވެސް ނުދައްކާ ދޫކޮށްލެވޭ ވަރަށްވުރެ ބޮޑު ވާހަކައެކެވެ.
މިޒަމާނަކީ މީސްމީޑިޔާގެ ޒަމާންކަމުން ހުރިހާ ފަރާތްތަކުންވެސް އަބަދުހެން ތިބެނީ މީސް މީޑިޔާގެ ކޮންމެވެސް ވަސީލަތަކާއި ގުޅިލާމެހިފައެވެ. ފޭސްބުކުން، އިންސްޓަގްރާމުން، ވައިބަރުން، ޓްވިޓަރުން ބުރުއަޅަ އަޅާލައެވެ. ޒަމާނުގެ ގޮތުން ކޮންމެ މީހަކުވެސް ބޭނުންވަނީ ހިނގަމުންދާ ކަންކަމާއި މެދު އަޕްޑޭޓްވެފައި ހުރުމަށާއި، އެހެން މީހުން އަޕްޑޭޓްކޮށްދިނުމަށެވެ. މިކަމުގައި ބައެއް ފަހަރަށް ދިވެހިން އާންމުކޮށް ގަބޫލުކުރެވޭ މިންގަނޑުތަކުން ނެއްޓޭ ފަހަރުތައްވެސް އަންނަކަން ހިތާމައާއި އެކު ފާހަގަކޮށްލެވެއެވެ.
މިފަދަ ހާދިސާއެއް ދާދިފަހުން ވަނީ ހިނގާފައެވެ. ހުޅުމާލޭގެ ފްލެޓެއްގެ އެންމެ މަތީ ބުރީގެ ބެލްކަނީގައި ތިބި ދެކުދިން "ކިސް" ކުރާ ވީޑިޔޯއެއް ކޮންމެވެސް ފަރާތަކުން މީސް މީޑިޔާއަށްލާ ވައިރަލްކުރީއެވެ. ބަލާބެލުމަށް އެ ވީޑިޔޯ ނަގާފައިވަނީ އެ އެޕާޓްމެންޓްގެ ކުރިމަތީގައިވާ އެޕާޓްމެންޓަކުންނެވެ. ވީޑިޔޯއިން ފެންނަ ދެ ކުދިންގެ އުމުރުން އެންމެ ބޮޑުވިޔަސް ވާނީ ހަ ވަރަކަށް އަހަރެވެ.
ކުޑަކުދިން މިފަދަ އަމަލެއް ކުރާ މަންޒަރު ފެނުމުން އެކަން ވީޑިޔޯކުރުމަށްފަހު މީސް މީޑިޔާގައި ވައިރަލް ކުރަނީ ކޮން މަގުސަދެއް ހާސިލްކުރުމަށްޓަކައި ބާާވައެވެ؟ އެކުދިންނަކީ ތަޞައްރަފު ނުުފުދޭވަރުގެ ކުޑަކުދިންނެވެ. ކާާޓޫނުންނާއި ޓީީވީން ފެންނަ ގިނަ ކަންތައްތައް އެކުދިން އަމިއްލައަށް އެ އުމުރުގައި ކުރާނެއެވެ. އެފަދަ މަންޒަރެއް ފެނުމުން ވީޑިޔޯކޮށް މީސް މީޑިޔާއަށްލުމުގެ ބަދަލުގައި ކުއްޖާގެ މައިންބަަފައިންގެ ގާތުގައި ބުނެފިނަމަ ލިބޭނީ ވަކި ކޮންގެއްލުމެއް ބާވައެވެ؟ އެ ވީޑިޔޯ މީސް މީޑިޔާގެ ވަސީލަތްތަކުން އެކި ފަރާތްތަކަށް ފޮނުވުމުން ލިބެނީ ވަކި ކޮން ފައިދާއެއް ބާވައެވެ؟
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ފުންނާބުއުސް ގާނޫނީ ވަކީލެއްކަމުގައިވާ އަހުމަދު އުޝާމް ވިދާޅުވާ ގޮތުގައި ރަނގަޅު ކަންތަކާއި ގޯސްކަންތައް ވަކިނުވާ އުމުރުގެ ކުޑަ ކުދިންގެ ވީޑިއޯއެއް ނަގައި މިފަދައިން އާންމުކުރުމަކީ ވަރަށް ދެރަ ކަމެކެވެ. އަދި އެފަދައިން އެކަން ކުރި ފަރާތްތަކުން ކޮށްފައި އެވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން މަނާކޮށްފައިވާ އަމަލެއްކަަމަށް އުޝާމް ވިދާޅުވިއެވެ.
ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ކުޑަކުދިންގެ ހެދިބޮޑުވުން، ނުވަަތަ ސޯޝަލައިޒޭޝަންގެ ދުވަސްތަކުގެ ތެރޭގައި އެކުދިންގެ އަހުލާގު ބިނާާވެގެންދަނީ ވަށައިގެންވާ މާހައުލުންނެވެ. އެގޮތުން އާއިލާ، ރައްޓެހިން އަދި މުޖުތަމައު ފާހަގަކޮށްލެވެއެވެ. ނަމަވެސް މީގެ އިތުރަށް ބަވަނަވަމުންދާ މުޖުތަމައުގައި މި ޕްރޮސެސްެގެ ތެރެއަށް އިންޓަރނެޓާއި މީސް މީޑިޔާގެ ވަސީލަތްތައް މިވަނީ އިތުރުވެފައެވެ. ކުދިން ޔޫޓިއުބް ވީޑިޔޯތަކާާއި ކާޓޫންތަކުގައި ހޭދަކުރާ ވަގުތުތަކުގައި އެކުދިންނަށް ފެންނަ ގިނަ އެއްޗެހި އެކުދިން އަމިއްލައަށް ނަގައިގަންނާާނެއެވެ. ރެގިއުލޭޓްކުރުމެއް ނެތި ކުދިންނަށް ފެންނަ ބައެއް ކާޓޫންތަކުގައި ހުންނަ މަންޒަރުތައް ކުދިން ނަކަލުކޮށް ހަދައިފާނެއެވެ. އެހެންކަމުން ބެލެނިވެެރިންވެސް ކުދިން ބަލަނީ ކޯއްޗެއްތޯ ދެނެގަތުމަކީ ކުރަން މުހިންމު ކަމެކެވެ.
ދިވެހިރާއްޖޭގެ މަޝްހޫރު ނަފްސާނީ އިލްމާއި ބެހޭ ޑޮކްޓަރެއް ކަމުގައިވާ ޑރ.އައިޝަތު އަލީ ނާާޒް ވިދާޅުވީ ކުދިންގެ އުމުރާއި ނުގުޅޭ އެއްވެސް އަމަލެއް ކުރާާކަމުގައިވާނަމަ ޑެސްކްޓޮޕް ސާފުކުރުމަށްފަހު ކުދިން ވަދެފާނެ އެއްވެސް ނުރަނގަޅު ލިންކެއް އިންނަމަ ޑިލީޓްކުރަންވާނެކަމަށެވެ. އަދި ކިތަންމެ ބައިބޯ ތަަނެއްގައި ނަމަވެސް ކުދިން ހުރި އިރުގައި ގައިގޯޅިވާނަމަ ކުދިން ނިދާކަމަށް ހެދިގެން ތިބެ އެ މަންޒަރު ބަލާ ނަކަލު ކުރުމުގެ ފުރުސަތު އެބައޮތްކަމަށް ނާޒް ވިދާޅުވިއެވެ.
ހެދިބޮޑުވަމުން އަންނަ ކުދިންނަށް ފުރިހަމަ ތަރުބިއްޔަތަކާއި ރައްކާާތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. އެ ޒިންމާ ފުރިހަމައަށް އަދާކުރަމާތޯއެވެ. ކަމެއް ވުމުން ކުޑަކުދިންނަށް އޭގެ ނުރުހުން ފާޅުނުކުރަމާތޯއެވެ. އެކުދިންނަށް ހެޔޮގޮތް ވިސްނައިދީ ތަރުބިއްޔަތު ކުރަމާތޯއެވެ. ހަގީގީ ތަރައްގީ އަންނާނީ އޭރުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް