ރައީސް ޔާމީން ޖަލަށްލީ މައްސަލަ އިދިކޮލުން އީޔޫ އާއި ހިއްސާކޮށްފި
މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ، އިދިކޮޅު ފަރާތްތަކުން ޔޫރަޕިއަން ޔުނިއަން (އީޔޫ) އާ ހިއްސާ ކޮށްފި އެވެ.
ދިވެހި ސަރުކާރާއެކު ބާއްވާ ރަސްމީ ބައްދަލުވުމަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ވަފުދުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލު ކުރެއްވުމަށްފަހު، އިއްޔެގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ވަނީ ބައްދަލުކުރައްވާފައެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު އީޔޫގެ ވަފުދުގެ ބޭފުޅުން ބޭއްވި ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އިދިކޮޅު ފަރާތްތަކުން އީޔޫގެ ވަފުދާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ، އީޔޫގެ ވަފްދުގެ އިސްވެރިއަކަށް ވަޑައިގެން އުޅުއްވާ، އެކްސްޓާނަލް އެކްޝަން ސާވިސް ފޯ އޭޝިއާ އެންޑް ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޕައުލާ ޕަންޕަލޯނީއާ ބައްދަލު ކުރައްވައި ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ކުރި ގޮތާ މެދު އޮތް ކަންބޮޑުވުން ހިއްސާ ކުރައްވާފައިވާކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެގެންނެވެ.
އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ކުރި އެދައުވާއަކީ ސިޔާސީ ދައުވާއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް