"ވެށިފަހި" ޕްރޮގްރާމްގެ ދަށުން ބިން ދޭން ނިންމި 160 މީހުންނަށް ވަރަށް އަވަހަށް ބިން ހަމަޖެހިގެން ދާނެ: ހުސެން ޝަމީމު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، "ވެށިފަހި" މާލެ ޕްރޮގްރާމުގެ ދަށުން ސަރުކާރުން ބިން ދޭން ނިންމި 160 ވަރަކަށް މީހުންނަށް ވަރަށް އަވަހަށް ބިން ހަމަޖެހިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެމްޑީޕީގެ ޕާރަލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
ހުސައިން މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ''ފަލަ ސުރުހީ'' ޕްރޮގްރާމުގައި ،މާލޭގެ ތޮއްޖެހުން ބޮޑުވުމާއި ގުޅިގެން އެކަމަށް ހައްލެއް ހޯދަން ޖެހިފައިވާކަން ފާހަގަކުރައްވައި ދެއްކެވި ވާހަކައިގައެވެ.
ހުސެން ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގްރޭޓާ އިންޑަސްޓްރިއަލް ޒޯނުން ބިންދޭން ޖެހޭ ކަމަށާއި މާލެއަށް އުފަން މާލޭ މީހުންނަށް ބިމާއި ފުލެޓް ދޭން ޖެހޭ ކަމަށެވެ. އެއީ ޝައްކެތް އޮތް ކަމެއް ނޫންކަމަށް ހުސައިން ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުން ބޯހިޔާވަހިކަމެއް ނެތި ދަތި ހާލުގައި ދިރިއުޅެމުންދާއިރު ކޮންމެ ސަރުކާރުންވެސް މާލޭގެ ބިން ހިއްކުމަށް ފަހު ރަށްރަށުން މީހުން ގެނެސް، މާލޭގައި ވަޒަންވެރިވުމުން މާލޭގެ ރައްޔިތުން ބިންކޮޅެއްވެސް ނުލިބޭ ކަމަށް ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަވަނީ ރަށްރަށުގެ މީހުންނާ ތަފާތުކުރާކަށް ނޫނެވެ. މާލޭގައި ބޯހިޔާވަހިކަމެއް ނެތި ދިރިއުޅޭތާ 90 އަހަރުވީ މީހުން ވެސް އެބަތިބި ކަމަށް ހުސައިން ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް