ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވަން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން މި އަހަރުގެ ޝަރަފުވެރި "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެއެވެ.
މި ޝަރަފުވެރި އެވޯޑަކީ މުޖުތަމައުގެ އެންމެހައި ފަރުދުން ޝާމިލުކޮށްގެން ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށާއި، އެންމެންނަށް ފަހި، ލާމެހިފައިވާ ވެއްޓެއް ގާއިމުކުރަން ކުރާ މަސައްކަތް ގައުމީ ފެންވަރުގައި ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ.
އެޘްޑީސީން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކާއި ހުނަރު ތަރައްގީކުރުމުގެ ތަމުރީނުތައް ފަހިކޮށްދީ، ހަމަހަމަކަމާއި އޯގާތެރިކަމާ އެކު އެންމެންނަށް ޝާމިލުވެވޭނެ އެކަށޭނަ މާހައުލެއް ވަޒީފާގެ ދާއިރާގައި ގާއިމުކުރުމަށް ޚާއްސަ އިސްކަމެއް ދީފައެވެ. މިއަދާ ހަމައަށް ވެސް އެ ކޯޕަރޭޝަންގެ ތަފާތު އެކި މަގާމުތަކުގައި ނުކުޅެދުންތެރިކަން ހުންނަ 46 މުވައްޒަފުން އަންނަނީޚިދުމަތްކުރަމުންނެވެ. މީގެ އިތުރުން، މި ކޯޕަރޭޝަންގެ މަސައްކަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ސީދާ ގޮތެއްގައި ޝާމިލުކުރަން ކޯޕަރޭޝަންގެ "ޕާސަންސް ވިތް ޑިސެބިލިޓީ (ޕީޑަބްލިޔުޑީ)އެމްބެސެޑަރުން"ގެ ގޮތުގައި ދެ މުވައްޒަފަކު އައްޔަންކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ވަޒީފާގެ ވެށި ވެސް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި، އެކޯޕަރޭޝަންގެ އޮފީސް އިމާރާތަށް ވަނީ ޒަމާނީ އަދި އެކަށޭނަ ބަދަލުތަކެއް ގެނެސްފައެވެ.
ވަކިން ޚާއްސަކޮށް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ ސަލާމަތީ ނިޒާމުތައް މި ކޯޕަރޭޝަންގެ އޮފީސް އިމާރާތުގައި ފަރުމާކޮށްފައިވަނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނާއި ކަސްޓަމަރުންނަށް ވެސް ފަސޭހައިން މައުލޫމާތު ލިބި، ސަމާލުވެވޭނެ ފަދަ އިންތިޒާމުތަކާ އެކުގައެވެ.
ހުޅުމާލޭގެ ބިނާރާއި އުމްރާނީ ތަރައްގީގެ މައިގަނޑު މަސައްކަތްތައް ކުރަމުން އަންނަ ކުންފުނީގެ ހައިސިއްޔަތުން، މާސްޓަރ ޕްލޭނާއި ތަރައްގީގެ އެކި މަޝްރޫއުތައް އެކުލަވައިލުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްސަ ބޭނުންތަކަށް އެ ކޯޕަރޭޝަނުން ފުރިހަމައަށް ރިއާޔަތްކުރެއެވެ. އެ ގޮތުން، މަގުމައްޗާއި އާންމު ޕާކުތަކާއި އިމާރާތްތަކަކީ ހުރަހެއް ނެތި އެންމެހައި ރައްޔިތުންނަށް ބޭނުންކުރެވޭނެ ތަންތަން ކަމުގައި ހެދުމަކީ ޝާމިލު މުޖުތަމައެއް ބިނާކުރަން މި ކޯޕަރޭޝަނުން ގެންގުޅޭ ދުރުވިސްނުމުގެ މުހިންމު ބައެކެވެ.
މި އެވޯޑް ލިބުމަކީ، ހުޅުމާލެއަކީ އެންމެންގެ ބައިވެރިވުން އެކުލެވޭ، އެންމެންނަށް ހިތްފަސޭހަ އަދި ލާމެހިފައިވާ ތަނަކަށް ހަދަން އެ ކޯޕަރޭޝަނުން ކުރަމުންއަންނަ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއް ކަމަށާ ކުރިއަށް އޮތް ތަނުގައި ވެސް މުޅި މުޖުތަމައުގެ އެއްބާރުލުމާ އެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގުތިސާދީގޮތުން ބާރުވެރިކުރުވައި، އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގައި އެ ކޯޕަރޭޝަނުން ދެމިއޮންނާނެކަމަށް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް