އޭދަފުށީން ރައީސަށް ހޫނު މަރުހަބާއެއް، މަރުހަބާ ކިޔަން ގިނަ ބައެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެ އަތޮޅު އޭދަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފަ އެވެ. ރައީސް ދަތުރުފުޅު ކުރެއްވި ލޯންޗު އޭދަފުށީ ބަނދަރަށް ވަނުމާއެކު ފުރަތަމަ މަރުހަބާ ކިޔާފައިވަނީ ކުރުފަލީގެ ހަރަކާތަކުންނެވެ.
ކުރުފަލި ޖަހަމުން އައީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައިވާ ދޯންޏެއްގައި ތިބެގެންނެވެ. ބަނދަރާއި ހަަމައަށް މަރުހަބާ ކިޔުމުގެ އެ ހަރަކާތް ކުރިއަށް ދިޔަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޖަމާވި އެންމެންނާއި ސަލާމް ކުރައްވާފަ އެވެ.
ބ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ކަމަދޫ އާއި ކުޑަރިކިލު، ކެންދޫ އަދި އޭދަފުއްޓަށް ވަޑައިގެންފަ އެވެ.

އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ކޮންމެ ރަށެއްގައި ޖަލްސާއެއް ބޭއްވެވި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ އަދި މާޅޮހަށް ވެސް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅު މާދަމާއާ އަނެއް ދުވަހަށް ދެމިގެންދާނެ އެވެ.

ބ. އަތޮޅަށް ވަޑައިގަތުމުގެ ކުރިން ރައީސް އެންމެފަހުން ވަނީ ނ. އަތޮޅުގެ ރަށްތަކަށް ވެސް ޒިޔާރަތް ކުރައްވައި ބައެއް ރަށްރަށުގައި ތަރައްގީގެ ބައެއް މަޝްރޫޢުތައް ފައްޓަވައި ކުރިއަށް ރޭވިފައިހުރި ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް