ކުޅުދުއްފުށިން ޑރ މުއިއްޒަށް ހޫނު މަރުހަބާއެއް!
އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ބޮޑުތިލަދުންމައްތަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ހދ ކުޅުދުއްފުށި ސިޓީއަށް ވަދައިގަތުމުން އެ ރަށުން ހޫނު މަރުޙަބާއެއް ދަންނަވައިފި އެވެ.
ޑރ މުއިއްޒު ކުޅުދުއްފުއްޓަށް ވަޑައިގެންފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. ޑރ މުއިއްޒު އެ ރަށަށް ވަޑައިގަތުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އިސްތިގުބާލަށް ނިކުމެ މަރުޙަބާ ދަންނަވާފަ އެވެ.

އެގޮތުން ކުޅުދުއްފުށީ ބަނދަރު ސަރަހައްދު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ދިދަތައް ޖަހާ ޒީނަތްތެރިކޮށްފައިވާއިރު، ޑރ މުއިއްޒުއާއި ސަލާންކުރުމަށް ދިގު ސަފެއް އަތުރާފާއި އޮތް ތަން ވަނީ ފެނިގެން ގޮސްފައެވެ.
ޑރ މުއިއްޒުގެ ރިޔާސީ ކެމްޕޭނުގެ ދަތުރުތައް ބޮޑުތިލަންދުންމަތީގެ ރަށްތަކުން ފައްޓަވާފައިވާއިރު، އެމަނިކުފާނު މިއަދު ވަނީ ހަނިމާދޫ އަދި ހދ ނޮޅިވަރަމަށް ވެސް ވަޑައިގެންފަ އެވެ. އެ ދެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ޑރ މުއިއްޒު ވަނީ ރައްޔިތުންގެ ޝުއޫތައް އަޑުއައްސަވާ ޚިޔާލުތައް އެއްކުރައްވާފަ އެވެ.
ޑރ މުއިއްޒު ބޮޑުތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރަނިންމޭޓު ހުސެއިން މުޙައްމަދު ލަތީފު ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމް ޕީއެންސީގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މިއަދު ހަވީރު ޑރ މުއިއްޒު ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާއިރު، މިރޭ ކުޅުދުއްފުށީގައި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާއެއް މިރޭ 8:30 ގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް