ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފުވައްމުލަކު ސިޓީގައި ސަރުކާރުން އިމާރާތްކުރި ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހަވީރު ހުޅުވައިފި އެވެ.
އެ މަރުކަޒު ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން އެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ފުވައްމުލައް ސިޓީގައި ޤުރުއާނާއި ބެހޭ މަރުކަޒު ހުޅުވުމަށްފަހު ޤުރުއާން ޙިފްޡުކުރުމުގެ ޕްރޮގުރާމުތައް އެ ސިޓީގައި އިތުރު ކުރާނެކަމަށާއި އަދި މުދައްރިސުންގެ އަދަދުވެސް އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ފުވައްމުލަކު ސިޓީގެ އިސްލާމީ މަރުކަޒު ޑިޒައިންކޮށް ނިމި، ކައުންސިލްގެ ބަހެއް ހޯދުމަށް ކޮންސެޕްޓު ފުވައްމަލު ސިޓީ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. އިސްލާމީ މަރުކަޒު ނިމުމުން އެތަން ބަދަލު ވާނީ ޤުރުއާނާއި ބެހޭ މަރުކަޒަށް ކަމަށާއި، މިހާރު ހުޅުވާ ޤުރުއާނާއި ބެހޭ މަރުކަޒު ބަދަލުވާނީ ވަޤުފު ބިނާއަކަށް ކަމަށެވެ. މިތަނުން ލިބޭ ފައިސާ ޚަރަދު ކުރާނީ ފުވައްމުލަކު ސިޓީގެ ދީނީ އެކި ކަންކަމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިހާރު 16 ޤުރުއާން މަރުކަޒެެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް