އިހަވަންދޫ އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެ ބިނާކުރަން "އެހީ ޖަމިއްޔާ" އިން ކުރަމުންދާ މަސައްކަތައް އެހީވުމުގެ ފުރުސަތު!
ފާއިތުވެދިޔަ އަހަރު ސެޕްޓެމްބަރު މަހު އިހަވަންދޫ ގެއެއްްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގެ އަނދާ ހުލިވުމާއި ގުޅިގެން އެ ގެ އަލުން ބިނާކުރަން "އެހީ ޖަމިއްޔާ" އިން ކުރަމުންދާ މަސައްކަތައް އެހީވުމުގެ ފުރުސަތު އަދިވެސް ޢާއްމު ރައްޔިތުންނަށް ހުޅުވާލެވިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.
2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު އަލިފާނުގެ ހާދިސާ ހިނގި އިހަވަންދޫ ނަލަ އައްސޭރި ގޭގައި މީހުން އުޅެމުންދިޔައީ އެއް ކޮޓަރީގައެވެ.
މިހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް އެގޭގެ 3 ކޮޓަރީގެ ތެރެއިން 2 ކޮޓަރި އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ މިންވަރަށް ވަނީ ހަލާކުވެފައެވެ. އަދި އެގޭގައި ހިފައި ގެންގުޅޭ ހުރިހާ ތަކެއްޗެއް ވެސް އެއްކޮށް އަނދާ ހުލިވެފައިވާއިރު، ޢާމްދަނީ ހޯދުމަށް އާއިލާއިން ކުރަމުން އައި މަސައްކަތް ކަމުގައިވާ ވަޑާމުގެ މަސައްކަތް ކުރާ ހުރިހާ ސާމާނު ވެސް ވަނީ އަނދާފައެވެ.

އަލިފާނުގެ ހާދިސާއަށް ފަހު އެ ޢާއިލާ ދިރިއުޅެމުން ދަނީ އެމީހުންގެ ތިމާގެ މީހެއްގެ ގެއެއްގައެވެ. ވުމާއިއެކު އެހީ ޖަމުއިއްޔާއިން އިހަވަންދޫ ކައުންސިލާއި ގުޅިގެން އެ އާއިލާއަށް އަނބުރާ ދިރިއުޅުން ފެށޭނެ މިންވަރަށް ގެ މަރާމާތުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެ މަސައްކަތުގައި މާލީ ގޮތުންނާއި އެ ނޫން ވެސް ގޮތް ގޮތުން އާއްމުންގެ އެހީތެރިކަން މިހާތަނަށްވެސް ލިބިފައިވާއިރު އެ އެހީގައި އެ ގެ ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު އެހީ ޖަމިއްޔާ އިން "ވޮއިސް" އާއި ވަނީ ހިއްސާ ކޮށްފައެވެ.

އެގޮތުން، އެ ޖަމިއްޔާގެ ރައީސް އަހުމަދު އިގްބާލް ވިދާޅުވީ، އެހީގެ ޓީމުން މިހާރު ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރަމުންދާ ދަތުރުގެ ތެރެއިން އިހަވަންދޫ އަށް ޒިޔާރަތް ކޮށްފައިވާއިރު، އަލިފާނުގެ ހާދިސާގައި އަނދައިދިޔަ ގޭގެ ޢާއިލާއަށްޓަކައި އަޅާ ގޭގެ މަސައްކަތް ކުރިއަށްދާ މިންވަރު ބަލަައި، އެ ގޭގައި ދިރިއުޅުމުންދިޔަ ޢާއިލާގެ ހާލަތު ވެސް ބަލާފައިވާ ކަމަށެވެ.

"މިހާރު އިހަވަންދޫ އައިސް މިހުރީ މި ގޭގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް. ބައެއް އިދާރީ ކަންކަމާއި ގުޅިގެން މަސައްކަތް ލަސްވެފައިވީ ނަމަވެސް އެ ހަވާލު ކުރެވި މަސައްކަތް ކުރެވެމުން މިދަނީ. ދެން، ޢާއިލާ އާއި އެކުވެސް ބައްދަލު ކޮށްލާ މަޝްވަރާ ކޮށްލައިފިން. މިހާރު މި ހެދެމުންދާ ދެ ކޮޓަރިއަކީ އެ އާއިލާ ދިރިއުޅޭނެ ތަން. މިތަން އިރާދަކުރެއްވިޔާ ހަދައި ނިންމައި، ތިބޭފުޅުންގެ (ޢާއްމުންގެ) އެހީގެ، ތިބޭފުޅުން ދެއްވާ ފައިސާއިން މިތަން ހަދައި ނިންމާ ޢާއިލާ އާއި ހަވާލު ކުރެވޭނެ." އިގްބާލް ވިދާޅުވި އެވެ.

އިގްބާލް އިތުރަށް ވިދާޅުވީ، އެހީ ޖަމިއްޔާ އިން ބޭނުންވަނީ ވޭހާވެސް އަވަހަށް އެތަން ނިންމުމަށް ފަހުގައި ޢާއިލާ އާއި ހަވާލު ކުރުމަށް ކަމަށާ، އެހެންކަމުން، އެކަމަށްޓަކައި ޢާއްމުންގެ އެހީތެރިކަން އަދިވެސް ބޭނުންވާ ކަމަށެވެ.
މިޢާއިލާ އަދި އިހަވަންދޫގެ އެހެންވެސް ޢާއިލާ އަކަށް މަހުން މަހަށް މިހާރުވެސް އެހީ ޖަމިއްޔާ އިން އަންނަނީ އެހީ ފޯރުކޮށްދެމުންނެވެ.

އެހެންކަމުން، މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ މި މާތްވެގެންވާ ރޭތަކުގައި، އެފަދަ އެހީ އަށް ބޭނުންވެފައިވާ ޢާއިލާތަކަށް އެހީވެ، އެ ޢާއިލާގެ ދަތިތައް ފިލުވައި ދިނުމަށް ކުޑަވެސް ހޭދައެއް ކުރެއްވުމަށް އެހީ ޖަމިއްޔާ އިން ވަނީ އެދިފައެވެ. އެގޮތުން އެހީދޭން ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަަށް ފައިސާ ޖަމާ ކުރުމުން އެކަން ހަމަޖެހޭނެ ކަމަށް އެހީ ޖަމިއްޔާ އިން ބުނެއެވެ.
ބޭންކް: ބީ.އެމް.އެލް އިސްލާމިކް
އެކައުންޓް: 7770000014819
އެކައުންޓް ނަން: އެހީ ޖަމިއްޔާ EHEE JAMIYYA
އެހީ ޖަމިއްޔާގެ ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ލިބިގެންދާ ފައިސާގެ % 12.5 ހަރަކާތް ރާވާ ހިންގުމުގެ ޚަރަދުތަކަށް ބޭނުންކުރެވިގެން ދާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް