ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި މުހައްމަދު އަފީފް ހުސައިން، ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި މިއަދު އައްޔަންކޮށްފިއެވެ.
ފެނަކައިގެ އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.
ފާހަގަކޮށްލެވޭ ގޮތެއްގައި މިއީ ސަރުކާރު ވެރިކަމާ ހަވާލުވީ ފަހުން ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރެވުނު ތިންވަނަ ބޭފުޅާއެވެ. އޭނާގެ ކުރިން އެ މަގާމު ފުރުއްވީ މުއާޒް މުހައްމަދު ރަޝީދާއި މުހައްމަދު ނަޖާހެވެ. މުއާޒް މިހާރު ހުންނެވީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.
ރަށްރަށަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އައި ފެނަކަ އުވައިލައި، އެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރައްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ މަހުގެ ހަތެއްގައެވެ.
ރައީސް އެ ދުވަހު ވިދާޅުވީ، ކުރީގެ ސަރުކާރުން ފެނަކައިގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުން ފެންނަ ކަމަށާއި، އެ ކުންފުންޏަކީ ފަންނީ ބޭފުޅުންގެ ލަފާގެ މަތިން ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ހިންގެން ނެތް ތަނެއް ކަމަށެވެ. އެހެންކަމުން، ފެނަކައިން ދެމުންދިޔަ ހުރިހާ ހިދުމަތެއް ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް