ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް
ފެނަކަ ކޯޕަރޭޝަން ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ އަލީ އަޒުވަރާ މިއަދު ހަވާލުކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރި ފަރާތް ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑު، ޕީސީބީއިން ބުނީ ފެނަކައިގެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސްޓެލްކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު އައްޔަންކޮށް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިބްރާހީމް ނިޒާމް ހަމަޖައްސާފައިވާކަމަށެވެ.
އަޒުވަރު މި މަގާމަށް އައްޔަންކޮށްފައިވަނީ، އިއްޔެ ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސައިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރުމަށްފަހުގައެވެ.
ޑރ. އަލީ އަޒުވަރަކީ ސ. ފޭދު، ނެސްޕްރޯވިލާ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން، އެ ބޭފުޅާ ފެނަކައިގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމާއި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ ދެ މަގާމަށް ވެސް އައްޔަންކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައި ވަނީ ހ. ހުދުރިޔާ، އިބްރާހީމް ނިޒާމެވެ.
މި ބަދަލުތައް އައީ، ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ބަދަލުކުރަން މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެންނެވެ.
ރައީސް އެ ދުވަހު ވިދާޅުވީ، މިދިޔަ ސަރުކާރުން ފެނަކައިގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް އޮޑިޓާ ޖެނަރަލް އޮފީހުގެ ރިޕޯޓުުން ހާމަވާ ކަމަށާއި އެހެންކަމުން، އެތަނުގެ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ފަންނީ ބޭފުޅުންނާ މަޝްވަރާކޮށް ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކުންފުންޏެއް ނޫން ކަމަށާއި އެގޮތުން ސަރުކާރުން އެ ކުންފުނި އުވާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް