އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
ޤަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެންމެފަހުން ކޯޓްގާޑުން ހިފެހެއްޓި އިންޑިއާގެ މަސްބޯޑުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް އިންޑިއާއިން ފަށާފައިވާކަމަށް އެޤައުމުގެ މީޑިއާތަކުން ބުނެފިއެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އިންޑިއާގެ ހައިކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން، މަސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމުގައިވާ އިންޓަނޭޝަނަލް ފިޝަމެން ޑިވެލޮޕްމެންޓް ޓްރަސްޓް (އިންފިޑެޓް) އަށް ފޮނުއްވި އީމެއިލެއްގައި މިކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް "ދަ ހިންދޫ" ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އެ އީމެއިލްގައި ހައިކޮމިޝަނަރު ވިދާޅުވެފައިވަނީ، ހައްޔަރުކޮށްފައިވާ މީހުންނާއި އުޅަނދުތައް ގާނޫނީ އިޖުރާއާތުތައް ނިމުމުން ދޫކޮށްލުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަދައްކަމުން ގެންދަވާ ކަމަށެވެ.
އިންޑިއާއަށް ނިސްބަތްވާ މަސްބޯޓުތައް ދިވެހި ކޯސްޓްގާޑުން ހިފެހެއްޓީ ރާއްޖޭގެ ބޯޑަރުން ގާތްގަނޑަކަށް 180 ނޯޓިކަލް މޭލު އެތެރެއަށް ވަދެ އުޅެނިކޮށެވެ. އެ ބޯޓުތަކުގައި ތިބީ އިންޑިއާގެ ރާމަނާތަޕޫރަމް، ސޫތުކުޅީ، އަދި ވިއްލުޕޫރަމް ޑިސްޓްރިކްޓަށް ނިސްބަތްވާ 26 މީހެކެވެ.
އިންފިޑެޓްގެ ރައީސް ޖަސްޓިން އެންތަނީ ވިދާޅުވީ، ހިފެހެއްޓި މީހުންނަކީ ކަނޑުގެ ފުން ސަރަހައްދުގައި ކަންނެލި ބާނާ ނިކަމެތި މަސްވެރިން ކަމަށެވެ. އެ މީހުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނީ ގަސްތުގައި ނޫން ކަމަށާއި، އެކަން ހިނގީ ކަނޑުގެ ގަދަ އޮއިވަރާއި ވައިގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންވެ ޖޫރިމަނާ ނުކޮށް، ބޯޓުތައް ދައުލަތަށް ނުނަގައި، އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި އެ މީހުން ސަލާމަތްކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ އިންޑިއާ ސަރުކާރަށް ގޮވާލައިފައެވެ.
މި މީހުންގެ އާއިލާތައް ވަނީ، އެ މީހުން މިނިވަންކޮށްދިނުމަށް އެދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހުން ވެސް އެދިފައެވެ. އާއިލާތަކުން ބުނާ ގޮތުގައި، މި މަހުގެ އެއްވަނަ ދުވަހު މަހަށް ފުރި މި 26 މީހުންނަކީ އެ އާއިލާތަކަށް ހަމައެކަނި އާމްދަނީ ހޯދައިދޭ ފަރާތްތައް ކަމުން، އެ މީހުންނާއި ބޯޓުތައް ހިފެހެއްޓުމާ ގުޅިގެން އާއިލާތައް ނިކަމެތި ހާލަތަކަށް ވެއްޓިފައިވެއެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ، ބޯޓުތައް މާލެ ގެނައުމުން ކޮންސިއުލާ އެކްސެސް ހޯދައި، މަސްވެރިންގެ ހާލު ބަލައި، ގާނޫނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ފުރިހަމައަށް އެހީތެރިވެދޭނެ ކަމަށެވެ.
މީގެ އިތުރުން، އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ ވެސް ވަނީ، މި މައްސަލައިގައި އިންޑިއާގެ ހާރިޖީ ވަޒީރު، ޖައިޝަންކަރު ކިބައިން އިންޑިއާގެ އެ މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.
އެގޮތުން އޭނާ ވަނީ، ޚާރިޖީ މުއާމަލާތްތަކުގެ ތެރެއިން ދިވެހި ސަރުކާރާއެކު މިމައްސަލައިގައި މަޝްވަރާކުރައްވައި، މަސްވެރިންނާއި އެމީހުންގެ އުޅަނދުތައް ވީއެންމެ އަވަހަކަށް މިނިވަންކޮށް ރައްކާތެރިކަމާއެކު އަނބުރާ ގައުމަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދި، މިނިސްޓަރު ޖައިޝަންކަރަށް ސިޓީއެއް ފޮނުވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް