ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންނަށް ގެނައި ހެޔޮބަދަލު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފުން ފާހަގަކޮށްފިއެވެ.
މިކަމާ ގޮތުން ފިނޭންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ. މާއިތު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުވުމާ ގުޅިގެން މަރުޙަބާ ދަންނަވައި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު ދިވެހި ސަރުކާރުން ބާއްވަމުން އަންނަ ގާތް ގުޅުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ފިޗް އަދި މޫޑީސް އިން ވަޒަންކުރަން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. އެއީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ނެގުނު ލޯނުތަކާ ގުޅިގެން، ރާއްޖޭގެ މާލީ ޤާބިލުކަން ބައިނަލްއަޤްވާމީ ފަރާތްތަކަށް ހާމަކޮށްދިނުމުގެ މަޤްޞަދުގައެވެ. ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ދަޢުލަތުގެ ޚަރަދުތައް އިތުރުވެ، ދަރަނި ބޮޑުވުމުގެ ސަބަބުން މި ދެ އެޖެންސީން ވެސް ރާއްޖޭގެ ރޭޓިންގ ވަނީ ދަށްކޮށްފައެވެ.
އެހެންނަމަވެސް، މި ސަރުކާރުން މާލީ އިޞްލާޙީ ފިޔަވަޅުތައް އަޅައި، ދަރަނިތައް ޤަވާޢިދުން ދައްކަމުން ދިއުމާއެކު ދެ އިދާރާއިން ވެސް މިހާރު ވަނީ ރާއްޖޭގެ ރޭޓިންގ މަތިކޮށްފައެވެ. އެގޮތުން، ޖޫން މަހު ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ރޭޓިންގ "ސީސީ" އިން "ސީސީސީ" އަށް މަތިކޮށްފައިވާއިރު، މޫޑީސް އިން ވެސް ވަނީ މިދިޔަ ހަފުތާގައި ރާއްޖޭގެ ރޭޓިންގ "ސީއޭއޭ 1" އަށް މަތިކޮށްފައެވެ.
ރޭޓިންގ އޭޖެންސީތަކުން މި ބަދަލު ގެނައި މައިގަނޑު ސަބަބަކީ، ރާއްޖެއިން ބޭރުގެ ދަރަނިތައް ޚަލާޞްކުރުމުގައި ދައްކަމުންދާ އިތުބާރެވެ. މިގޮތުން، މި އަހަރުގެ އެޕްރީލް މަހު އަދާކުރި 500 މިލިއަން ޑޮލަރުގެ ސުކޫކާއި، އިންޑިއާއިން ނަގާފައިވާ ލޯނުތައް ފަދަ މުހިންމު ދަރަނިތައް އެއްވެސް މައްސަލައެއް ނުޖެހި ޤަވާޢިދުން ދައްކަމުންދާކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް