އާރްސީސީގެ ޗެއާރމަން އަބްދުއްރަޝީދު އަވަހާރަވެއްޖެ
ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ ބައްޕަ އަބްދުއްރަޝީދު 72 އ، މިއަދު އަވަހާރަވެއްޖެ އެވެ.
އަބްދުއްރަޝީދު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.
މީގެ ދެ ދުވަހެއް ކުރިން ފެށިގެން ރަޝީދުގެ އާލާސްކަންފުޅު ބޮޑުވުމުން މިއަދު ހެނދުނު ވަނީ ލަންކާއަށް ވަޑައިގެންނެވުމަށް އެއާޕޯޓަށްވެސް ވަޑައިގެންފައެވެ. އެނގިފައިވާ ގޮތުގައި އަވަހާރަވީ އެއާޕޯޓްގައި ހުންނަވަނިކޮށެވެ.
ރަޝީދު އަވަހާރަވިއިރު، އަނބިކަނބަލުންނާއި 10 ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.
އެންމެ ފަހުން އެމަނިކުފާނު އާންމުންނަށް ފެނިފައިވަނީ އާރްސީސީގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކޮށްދޭ މިސްކިތެއްގެ ބިންގާ އެޅުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން އަބްދުއް ރަޝީދުގެ ދަރިކަލުން އަދި އާރްސީސީގެ ޑިރެކްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ބައްޕަގެ އެންމެ ބޮޑު އުންމީދަކީ މިސްކިތެއް ބިނާ ކުރެއްވުން ކަމަށެވެ.
އާރްސީސީއަކީ 1950 ގައި "ރަޝީދު ކާޕެންޓަރީ" ގެ ނަމުގައި ފެށި ކުޑަ ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ. ކުންފުނީގެ ޗެއާމަން އަބްދުއް ރަޝީދު ފެއްޓެވި އެ މަސައްކަތް ބޮޑު ކުންފުންޏަކަށް ބަދަލުވެ ކުންފުނީގެ މަސައްކަތްތައް މިހާރު ބަލަހައްޓަނީ އޭނާގެ ކޮއްކޮ އިބްރާހިމް ރަޝީދާއި އޭނާގެ ދަރިކަލުން ނާޒިމާއި އާއިލާގެ ބައެއް އެހެން މެންބަރުންނެވެ.
ފޮޓޯ: ސަން
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް