ނ. ފޮއްދޫގައި ބުޅާ ގިނަވެ، ދިރޭ ތަކެއްޗަށް ކާން އެޅޭނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައިފި
ނ. ފޮއްދޫގައި ބުޅާ ގިނަވެ، ރައްޔިތުންނަށް ތަފާތު އުނދަގޫތައް ކުރިމަތިވަމުން ދާތީ، ދިރޭ ތަކެއްޗަށް ކާން އެޅުމަށް ވަކި ސަރަހައްދެއް ހަމަޖައްސައިފިއެވެ.
ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަށު ތެރޭގައި ބުޅާ އިތުރުވެ، އާންމު ބޯފެން ނެގުމަށް ދަތިވުމާއި، އިޖުތިމާއީ ސަރަހައްދުތަކުގައި ނަޖިސް ގިނަވެ، ރައްޔިތުންގެ ކަންބޮޑުވުން ލިބިފައިވާކަމަށެވެ. ކައުންސިލުން ބުނީ ޖަނަވާރު ގެންގުޅުމުގައި އަމަލުކުރަންވާގޮތް ކައުންސިލުން އެންގިނަމަވެސް، ބައެއް ފަރާތްތަކުން އެގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން އާންމު ސަރަހައްދުތަކަށް ބުޅަލަށް ކާން އެޅުމާއި، އެކަމުގެ ސަބަބުން ސާފުތާހިރުކަން ގެއްލެމުން ދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާކަމަށްވެސް ބުންޏެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ކައުންސިލުގެ ފަސް ވަނަ ދައުރުގެ 21 ވަނަ އާންމު ބައްދަލުވުމުގައި ޖަނަވާރަށް ކާންދޭން ބޭނުންވާ ފަރާތްތަކަށް އެ ކަން ކުރެވޭނީ ގްރީން ހައުސް ސަރަހައްދުގެ ތެރެއިން ލޯކަލް ބީޗާ ކައިރި ނުވާ ހިސާބެއްގައި ކަމަށް ނިންމާފައިވާކަމަށް ބުންޏެވެ. ގޯތި ތެރެ ފިޔަވައި އާންމު އެއްވެސް ސަރަހައްދަކަށް ދިރޭ ތަކެއްޗަށް ކާން އެޅުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މުޅިން މަނާ ކޮށްފައިވާ ކަމަށް ވެސް ކައުންސިލުގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މުނިފޫހިފިލުވުމުގެ ބޭނުމުގައި ހުއްދައަކާ ނުލައި އަމިއްލަ ގޯތީގައި ގެންގުޅެވޭނެ ޖަނަވާރުގެ އެންމެ ގިނަ އަދަދަކީ ދޭއް ކަމަށް ކައުންސިލުން ވަނީ ކަނޑައަޅާފައިވެއެވެ. ހިމާޔަތް ނުކުރާ ދޫނި ސޫފާސޫފި ކޮށީގައި ގެންގުޅުމުގައި ވަކި އަދަދެއް ކަނޑައެޅިފައި ނެތް ނަމަވެސް، ގެންގުޅޭ ދިރޭ އެއްޗެހީގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަށް ކަންކަން ބެލެހެއްޓުމަށް ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.
ކަނޑައެޅި ސަރަހައްދު ނޫން ތަންތަނަށް ކާން އަޅާ ފަރާތްތަކާ މެދު ރަށުގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ކައުންސިލުގެ ބަޔާނުގައި ބުންޏެވެ..
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް