ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި
މާލެ ސަރަޙައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ފުރުޞަތުތައް ދެނެގަތުމަށްޓަކައި، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ޢަމަލީ ދިރާސާއެއް ފަށައިފިއެވެ.
"ސަބްސީ ޑީސެލިނޭޝަން" ގެ ނަމުގައިޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރުފުކުރުމަށް ދިރާސާކުރަމުން ދަނީ، ޤައުމީ ފެންވަރުގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޚިދުމަތްތައް ދިނުމުގެ ހިންގުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ޢުމްރާނީ ތަރައްޤީއަށް ބާރުއެޅުމުގެ މަޤްޞަދުގައެވެ. މިކަމާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީން ބުނީ ގޮތުގައި، މި މަޝްރޫޢަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅާއި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިހާރު ކުރިއަށްދާ ފީސިބިލިޓީ ދިރާސާގެ ތެރެއިން، ފްލޯޝަން ކުންފުނީގެ ފަންނީ ޓީމުން ވަނީ ކަނޑުގެ 500 މީޓަރު އަޑިން ފެނުގެ ސާމްޕަލް ނަގާފައެވެ. ފުރަތަމަ ބެލިބެލުމުން ވެސް މި ފެނަކީ އާދަޔާ ޚިލާފަށް ސާފު ފެނެއްކަން ފާހަގަކުރެވިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. ލެބޯޓަރީ ތަޙުލީލުތަކުން މިކަން ކަށަވަރުވެއްޖެނަމަ، މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ ފެންވަރު ރަނގަޅު ޤުދުރަތީ ފެނުގެ މަޞްދަރުތަކުގެ ތެރޭގައި ހިމެނޭނެ ފެނެކެވެ.
ފްލޯޝަންގެ މި ޓެކްނޮލޮޖީ ފަރުމާކުރެވިފައިވަނީ ކަނޑުގެ އަޑީގެ ޠަބީޢީ ޕްރެޝަރު (ހައިޑްރޯސްޓެޓިކް ޕްރެޝަރު) ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ނިޒާމު ހިންގޭ ގޮތަށެވެ. މީގެ ސަބަބުން ކަރަންޓު ޚަރަދު 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަކުރެވިގެންދާނޭކަމަށް ފެން ކުންފުނިން ބުންޏެވެ.
މީގެއިތުރުން، ފެން އުފެއްދުމުގައި ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ފާހަގަކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް