ޕެންޝަން އޮފީހުގެ "3ޖެން ވޯކް" ހަނިމާދޫގައި ބާއްވައިފި
މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރިއަށްގެންދާ "ތްރީ ޖެނެރޭޝަން ވޯކް" ގެ ހަތަރުވަނަ ހިނގާލުން، ހޮނިހިރު ދުވަހު ހދ. ހަނިމާދޫގައި ކުޑަކުދިންނާއި ޒުވާނުންނާއި ދޮށީއުމުރުގެ މީހުން ބައިވެރިކޮށްގެން ބާއްވައިފިއެވެ.
ހަނިމާދޫ ކައުންސިލާ ގުޅިގެން ރާވާފައިވާ މި ހަރަކާތުގެ ބޭނުމަކީ ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމާއި ރިޓަޔަރމަންޓަށް ތައްޔާރުވުމާ ބެހޭ ވާހަކަ ޢާއިލާތަކުގެ ތެރޭގައި ދެކެވޭނެ މާޙައުލެއް ޤާއިމުކުރުމެވެ. އޭގެ އިތުރުން، ރަށުގެ މުޖުތަމަޢަށް އެކުވެރިކަމާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭނެ ފުރުޞަތެއް ދިނުމަކީވެސް އޭގެ އަމާޒެކެވެ.
އިވެންޓުގެ މައި ހަރަކާތަކީ އެއް ކިލޯމީޓަރުގެ ރަމްޒީ ހިނގާލުމެވެ. މާލީ ގޮތުން ރައްކާތެރި މުސްތަޤުބަލެއް ބިނާކުރުމަކީ ޅައުމުރުން ފެށިގެން ދޮށީއުމުރާ ހަމައަށް ދެމިގެންދާ ދަތުރެއްކަން ދައްކުވައިދިނުމަށް، އެކި ޖީލުތަކުގެ މީހުން އެކުގައި ހިނގައިގަތެވެ. "3ޖެން ވޯކް" ގެ ޚާއްޞަ ޓީޝާޓު ލައިގެން، މާލީ ހޭލުންތެރިކަމުގެ މެސެޖުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ހިނގާލުމުގައި ހަނިމާދޫގެ ބައިވެރިވީ އާބާދީގެ ބޮޑު ބައެކެވެ.
ހިނގާލުމުގެ ފަހުން، ޕެންޝަން އޮފީހާއި ރަށުގައި ހަރަކާތްތެރިވާ އެހެން މުއައްސަސާތަކާ ގުޅިގެން ޢާއިލީ ހަވީރެއް ބޭއްވިއެވެ. އެ ހަވީރުގައި މަޢުލޫމާތު ދޭ ސްޓޯލްތަކާއި ކުޅިވަރާއި އެކި ހަރަކާތްތައް ހިމެނުނު އިރު، ކާބޯތަކެތިވެސް ހުށަހަޅާފައިވެއެވެ. ޢާއިލާގެ ތެރޭގައާއި މުޖުތަމަޢުގައި ޖީލުތަކުގެ ދެމެދުގައި ހުރި ގުޅުން ވަރުގަދަކުރުމުގެ ފުރުޞަތުވެސް އެ ހަވީރުން ލިބުނެވެ.
ޕެންޝަން އޮފީހުގެ މި ޕްރޮގްރާމުގެ ތެރެއިން، ޖީލުތަކުގެ ގުޅުން ބަދަހިކުރާ އުފާވެރި މާޙައުލެއްގައި ވިސްނުންތެރި މާލީ ނިންމުންތައް ނިންމަން ދަސްކޮށްދީ، މުސްތަޤުބަލުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވުމަށް މަސައްކަތްކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް