N/A
N/A
ރިޕޯޓް 17 Nov 2022 | 06:29

4 އަހަރު ތެރޭ ސިއްހީ ދާއިރާ: ނިޒާމު ލާމަރުކަޒު ކުރެވި އުންމީދީ ބަދަލުތަކާއި ދިމާލަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ހަތަރު އަހަރު ފުރިފައިވާއިރު ސަރުކާރުން އެންމެ ފުރަތަމަ ދުވަހުއްސުރެ ގެންގުޅޭ އަމާޒަކީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ އަމާޒެވެ.

ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށްވެސް ސަރުކާރުގެ ވިސްނުން ހުރީ ސިއްހީ ނިޒާމު ލާމަރުކަޒީކޮށް ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް ކުރަން ޖެހޭ ދަތުރުތަކަށް ނިނުމެއް ގެނައުމެވެ.

އެގޮތުން އަތޮޅުތެރޭގެ ސިއްހީ ޚިދުމަތް ހަރުދަނާ ކުރުމަށް ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތައް އަޕްގްރޭޑްކުރުން

ރާއްޖޭގައި ސިއްހީ ހިދުމަތްދޭ 164 ތަނެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. މާލޭގެ މައި ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް އަތޮޅުތަކުން ނުލިބޭތީ ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު ޑޮކްޓަރަށް ދެއްކުމަށް މާލެ އާދެ އެވެ. އެކަމަށް ހައްލެއް ހޯދުމަށް އަމާޒުކޮށް މި ސަރުކާރުން އަންނަނީ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށީގައި ހޮސްޕިޓަލް އަޅަން ވެސް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

އޭގެ ތެރެއިން ބޮޑު ރަށްރަށުގައި އަޅާނީ 50 އެނދުގެ ހޮސްޕިޓަލެވެ. އަދި، ކުދި ރަށްތަކުގައި އަޅާނީ 30 އެނދުގެ ހޮސްޕިޓަލެވެ. އޭގެ އިތުރުން، ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި 100 އެނދުގެ ހޮސްޕިޓަލް އަޅާނެ އެވެ.

އޭގެ އިތުރުން ރަށްރަށުގައި ގާއިމް ކުރެވިފައިވާ ސިއްހީ މަރުކަޒުން ލިބެން ހުރި ސިއްހީ ޚިދުމަތްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްވެސް ސަރުކާރުން ހޭދަތަކެއް ކުރަމުން ދެއެވެ. އާދައިގެ ކުދި ޓެސްޓުތައް ހެދުމަށް ފުރައިގެން ކައިރި ހޮސްޕިޓަލުތަކަށް ދާން ޖެހޭ ޖެހުމަށް މިހާރު ނިނުމެއް ގެނެވިފައިވާކަމަށް ހެލްތު މިނިސްޓަރު ނަޝީމު ވަނީ ވިދާޅުވެފައެވެ.

ތިނަދޫ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް މި ސަރުކާރުން ތައްޔާރު ވަމުން އަންނައިރު، ތިނަދޫގައި މިހާރު ހުރި ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރަށްވަމުންނެވެ.

އެގޮތުން އެ ހޮސްޕިޓަލްގައި ސީޓީ އާއި މެމޯގްރަފީ މެޝިން ބެހެއްޓުމަށް ބޭނުންވާ ޢިމާރާތް ނިންމާފައިވާއިރު، ވޯޑުތައް އެއަރކޮންޑިޝަންކޮށް ނިންމައި ޕެރެމެޑިކް އެންބިއުލަންސް މިހާރު ވަނީ ތިނަދޫ އަށް ގެންގޮސްފައެވެ.

މީގެ އިތުރުން މި ސަރުކާރުން އެ ހޮސްޕިޓަލަށް މުޅިން އަލަށް ޑިޖިޓަލް އެކްސްރޭ މެޝިނަކާއި، އީ.އެންޓީ. މެޝިނަރީޒް ގެނެސްފައިވާއިރު، އަލްޓްރާ ސައުންޑް ސްކޭން މެޝިނާއި، އޯތޯޕެޑިކް ސާރޖަރީ ސެޓް ވަނީ ގެނެސްފައެވެ. ހަމައެއާއެކު ނިއޮނޭޓަލް ވެންޓިލޭޓަރާއި، ފިޒިއޯތެރަޕީއަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓެއް މިވަގުތު އެ ހޮސްޕިޓަލްގައި އެބަހުއްޓެވެ.

އައްޑޫ ސިޓީގެ ހޮސްޕިޓަލަށް ބަލާލި ނަމަވެސް ގިނަ ޚިދުމަތްތަކެއް އަޕްގްރޭޑް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އައްޑޫ ސިޓީގެ ހޮސްޕިޓަަލަށް އެމް.އާރު.އައި މެޝިނާއި، އެކްސް-ރޭ މެޝިންގެ އިތުރުން ސީޓީ ސްކޭން މެޝިނާއި، އީ.އެން.ޓީ އިކުއިޕްމެންޓާއި، އެންޑަސްކޯޕާއި، ކޮލޮނަސްކޯޕް ގެނެސްފައިވެއެވެ.

އައްޑޫ ހޮސްޕިޓަލް އަޕްގްރޭޑް ކުރެވިފައި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބަލާލާއިރު އެ ހޮސްޕިޓަލްގައި 6 ޕްރައިވެޓް ރޫމް ޢިމާރާތްކޮށް ޚިދުމަތްދޭން ފަށާފައި ވާއިރު، އާ އިކުއެޕްމަންޓާއެކު އީއެންޓީ ކްލިނިކެއް ގާއިމްކޮށް ރިޖިޑް އެންޑަސްކޯޕީ، މައިނާރ އޯރަލް ސާޖަރީ އަދި އޮޓޯ އެންޑަސްކޯޕީފަދަ އާ ހިދުމަތްތައް ވަނީ ތައާރަފްކޮށްފައެވެ.

އޭގެ އިތުރުން ބަލި މީހުން އަވަސް ފަރުވާއާއި ހަމަޔަށް ގެންދިއުމަށް ބޭނުންވާ އެމްބިއުލަންސްތައް ރަށްރަށަށް ހަމަޖެއްސުމުގެ މަސައްކަތްވެސް ޚާއްސަ އަހަންމިއްޔަތެއް ދީގެން މި ސަރުކާރުން ކޮށްފައިވެއެވެ.

ރާއްޖޭގައި ހޮސްޕިޓަލްތައް މީގެކުރިން ހިންގަމުން ދިޔައީ ސީދާ ސަރުކާރުގެ ބެލުމުގެ ދަށުންނެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ އަމިއްލަ ބޯޑެއްގެ ދަށުން ހޮސްޕިޓަލްތައް ހިންގުމުގެ ބާރުތައް ދީފައެވެ.

ކެންސަރު ހޮސްޕިޓަލް ގެ މަސައްކަތް ކުރިއަށް

މި ސަރުކާރުން ލ އަތޮޅުގައި އެޅުމަށް އިއުލާނުކުރި ކެންސަރު ހޮސްޕިޓަލަކީ އަނެއްކާވެސް ކެންސަރަށް ފަރުވާ ހޯދުމަށް މާލެއަށް ޖަވާވުން ނިމުމަކަށް ގެނައުމުގެ ތަސައްވަރެކެވެ.

ލ.ގަމުގައި ތަރައްޤީކުރާ ކެންސަރު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ތަރައްޤީކުރާ މިހޮސްޕިޓަލްގެ ޑީޓެއިލް ޕްރޮޖެކްޓްގެ މަސައްކަތާއި ހޮސްޕިޓަލާއި ގުޅޭގޮތުން ހަދަންޖެހޭ ސަރވޭތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެގްޒިމް ބޭންކުން ބުނެއެވެ.

ލ އަތޮޅުގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ ކުރެހުމެއް 

މިހާތަނަށް މިމަޝްރޫޢުގެ ދަށުން ގަމުގައި ކެންސަރ ހޮސްޕިޓަލް އަޅާ ސަރަޙައްދު ކަނޑައަޅާ އެސަރަޙައްދުގެ ސޮއިލް ޓެސްޓުކޮށްވަނީ ނިމިފައެވެ. އަދި ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގެ ވަށައިގެންވާ މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ގަމު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ އަހަންމިއްޔަތެއް ދިން

ވަށާ ޖެހޭ ސިއްހީ ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އަހަންމިއްޔަތެއް ދޭ ކަމެއްގެ ގޮތުގައި އަބަދުވެސް ފާހަގަކުރެއެވެ. އެގޮތުން ނަފްސާނީ ދުޅަހެޔޮކަން ތަރައްގީކުރުމަށް ސަރުކާރުން އިސްކަން ދެމުންދާކަން ސަރުކާރުގެ ސިޔާސަތުތަކުން ޔަގީން ކުރެވެއެވެ.

އެގޮތުންވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ވޯޑެއް ހުޅުވިގެން ދިއުމެވެ.

މިއީ އައިޖީއެމްއެޗްގެ ސެންޓަ ފޯރ މެންޓަލް ހެލްތުގެ ދަށުން އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނަށް ޚާއްސަ 9 އެނދަކާއި އެކު ހުޅުވުނު ވޯޑެކެވެ.

މިވޯޑުގައި ޑީއެސްކެލޭޝަން ކޮޓަރިއަކާއި ބޭރަށް ނިކުމެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓެރަސްއެއް ހިމެނެއެވެ. އަދި ބަލިމީހުން ދުޅެހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތުކުރާ މެޝިންތަކެއްވެސް ހިމެނެއެވެ.

ރައީސް ސޯލިހު ސެންޓަރ ފޮރ މެންޓަލް ހެލްތު ހުޅުވާދެއްވަނީ 

ނަފްސާނީ ބަލީގެ މީހުންނަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރާއިރު، މި ވެރިކަމުގެ ކުރީކޮޅު 2019 ވަނަ އަހަރު އައިޖީއެމްއެޗްގައި ޑިޕާރޓްމަންޓް ފޯރ މެންޓަލް ހެލްތް ކެއަރ، ސެންޓަރ ފޯރ މެންޓަލް ހެލްތު ވަނީ ހުޅުވާ ޚިދުމަތް ދޭން ފަށާފައެވެ.

މަސްތުވާތަކެތިން ސަލާމަތް މުޖުތަމައެއް ބިނާކުރުމަށް ފިޅަވަޅުތަކެއް!

މަސްތުވާތަކެއްޗަކީ ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ އެއް މައްސަލައެވެ. މިއީ ސިއްހީ ދާއިރާއަށްވެސް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިވަބާގައި ޖެހިގެން ދާ ޒުވާނުން ޚާއްސަ ފަރުވާއެއްގެ ތެރެއިން އަނބުރާ މުޖުތަމައަށް ގެނައުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ކަމެކެވެ.

ސަރުކާރުގެ މި އަމާޒަށް ވާސިލްވުމަށް މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާނެ ޕްލޭނެއް ވަނީ އެކުލަވާލެވިފައެވެ.

ސ. ހުޅުމީދޫގައި ހުޅުވި 60 މީހުންގެ ޖާގައިގެ "ވިލުނު" ސެންޓަރަކީ ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެކެވެ. އެ ސެންޓަރުގައި ޑިޓޮކްސިފިކޭޝަން، ޓްރީޓްމެންޓު، ރެސިޑެންޝަލް ޓްރީޓްމެންޓް، ކޮމިއުނިޓީ ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަނާ ގުޅޭ ފަރުވާގެ ޕްރޮގްރާމްތައް ކުރިޔަށްގެންދާނެ އެވެ.

އޭގެ އިތުރުން ހދ. ހަނިމާދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ވަނީ ހުޅުވާފައެވެ. އެ ސެންޓަރު ހުޅުވާފައިވަނީ ފަރުވާދޭން ބޭނުންވާ ހުރިހާ ވަސީލަތްތަކާއި އެކުގައެވެ.

ރައީސް ސޯލިހު ހަނިމާދޫ ޑިޓޮކްސިފިކޭޝަން ސެންޓަރު ހުޅުވާދެއްވަނީ

މާލެއިން ބޭރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރ ޤާއިމް ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކަންމިހެން އޮތް ނަމަވެސް މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމުގެ މަސައްކަތަކީ ހަމައެކަނި ހެލްތު މިނިސްޓްރީއަށް ނުވަތަ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށްޓަކައި މުޖުތަމައުގެ ހުރިހާ ފަރުދުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ.

މަސްތުވާތެކެތީގެ ވެށިން މީހަކު ނެރެ މުޖުތަމައާއި ގުޅާލެވޭނީ އެމީހުން ބަލައިގަނެ، އަނބުރާ މުޖުތަމައުގެ ބައެއްގެ ގޮތުގައި ގަބޫލުކުރުން މުހިންމެވެ.

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ބޮޑު ތަސައްވަރެއް!

ސިއްހީ ދާއިރާއަކީ ސީދާ ރައްޔިތުންނާއި ގުޅިފައިވާ ދާއިރާއެކެވެ. ރައްޔިތުންގެ ދުޅަހެޔޮކަން ކަށވަރުކުރުމަށް އެންމެ މުހިންމީ ސިއްހީ ދާއިރާ ހަރުދަނާ ކުރުންކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ކަންއެެހެން އޮތް އިރު، ސިއްހީ ދާއިރާ ފުރާ ފުރިހަމަ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައިވެސް މުހިންމު ކަންތައްތަކެއް ވަނީ ހިމަނާފައެވެ.

ކުރިއަށް އޮތް އަހަރަށް ސަރުކާރުން ހުށައެޅި ބަޖެޓުގައި ސިއްހީ ދާއިރާގެ ތަރައްގީއަށް 5 ބިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. އަހަރުގެ ބަޖެޓުގައި ރާއްޖޭގެ 136 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށް ހިމަނާފައިވެއެވެ.

ސިއްހީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީ ގެނައުމާއި، ވަސީލަތްތައް މުއްސަނދިކޮށް ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން ފެންވަރު ރަނގަޅުކުރުމަށްވެސް ހިމަނާފައިވެއެވެ.

މި ހުރިހާ ކަމަކަށްވުރެ އެންމެ އިސްކަމެއް ބަޖެޓުގައި ހިމަނާފައިވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ޚިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.1 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

މި ސަރުކާރުގެ ވިސްނުމަކީ ޖުމުލަ ގޮތެއްގައި މިދާއިރާއަށް ކުރާ ހޭދަ އިގުތިސާދީ ހާލަތު ތަންދޭ މިންވަރަކުން އިތުރުކުރަމުން ދިއުމެވެ.

ރައީސް ސޯލިހު އައްޑޫ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން 

މި ސަރުކާރުން ވަނީ ދުނިޔެއަށް ކުރިމަތިވި ސިއްހީ ބޮޑު ކާރިސާ "ކޯވިޑް-19" ގާތުން ތަޖުރިބާކޮށްފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ އެ ހާލަތުގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރެވި، ސިއްހީ ނިޒާމު ފުނޑިގެން ނުގޮސް ނެގެހެއްޓުނުކަމަށް ސަރުކާރުން ގަބޫލުކުރާއިރު، ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން އެހާ މުހިންމު އަހަންމިއްޔަތެއް ދެނީ ކޯވިޑްގެ ވަބާ ދަސްކޮށްދީން ފިލާވަޅުތަކުގެ ސަބަބުންނެވެ.

ސަރުކާރުން އަމާޒު ހިފާފައި ހުރީ އަމިއްލަ ރަށުގައި ތިބެގެން ސިއްހީ ފަރުވާ ހޯދޭނެ މަގު ކޮންމެ ރައްޔިތަކަށްވެސް ފަހިކޮށްދިނުމަށެވެ. ހިއްސީ ޚިދުމަތަކީ އަސާސީ ހައްގަކަށް ވާއިރު، ތަކުލީފުތައް އުފުލަން ނުހެޖި ރަށުގައި ހުރެގެން ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ގާއިމުކުރުމަކީ ފާއިތުވި ހަރަތު އަހަރު ސަރުކާރުން ގެންގުޅުނު ތަސައްވަރެވެ.

އެ ތަސައްވުރުގައި ކުލަ ޖެހެމުންދާކަން ސަރުކާރުން މިއަދު ފާހަގަކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭގައި ކެންސަރު ބައްޔަށް ޚާއްޞަ ސެންޓަރެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
29 Oct 2026 ހަބަރު

ހުޅުމާލޭގައި ކެންސަރު ބައްޔަށް ޚާއްޞަ ސެންޓަރެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ފުރިހަމަ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކެންސަރުގެ ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް )ޑީސީއޯއެސް( ހުޅުމާލޭގައި ޤާއިމުކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް )އެމްސީޖީއެޗް( އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
11 Oct 2026 ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މާލީ އެހީގެ ގޮތުގައި ސެޕްޓެމްބަރު މަހު 59.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަން ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފި އެ...

މުލަކު ސިއްހީ މަރުކަޒުން ބިދޭސީންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް އިއުލާންކޮށްފި
08 Oct 2026 ހަބަރު

މުލަކު ސިއްހީ މަރުކަޒުން ބިދޭސީންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް އިއުލާންކޮށްފި

މ. މުލަކު ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ރެޖިސްޓަރޑް ނަރުހުން ހޯދުމަށް މިއަދު އިއުލާންކޮށްފިއެވެ. ދާއިމީ އެއް މަގާމަށް ހުޅުވައިލި މި ފުރުސަތުގައި ދެ ރޭންކެއް ހި...

34 ހާހަށް ގަންނަން ލިބޭ އެއްޗެ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން 1.7 މިލިއަން ރުފިޔާއަށް ގަތް މައްސަލައެއް
05 Oct 2026 ހަބަރު

34 ހާހަށް ގަންނަން ލިބޭ އެއްޗެ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން 1.7 މިލިއަން ރުފިޔާއަށް ގަތް މައްސަލައެއް

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށް 34 ހާސް ރުފިޔާއަށް ގަނެވެން އޮތް މައިކްރޯޕައިޕެޓް ޓިޕްސްތަކެއް އެތައް ގުނަ އަގުބޮޑުކޮށް ގަނެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނ...

ތެލެސީމިއާ ކުދީންގެ އެލަވަންސްއަށް މަހަކު މިލިއަނެއް, 500 ކުދީންނަށް އެލަވަންސް
30 Sep 2026 ހަބަރު

ތެލެސީމިއާ ކުދީންގެ އެލަވަންސްއަށް މަހަކު މިލިއަނެއް, 500 ކުދީންނަށް އެލަވަންސް

ތެލެސީމިއާގެ ހާލަތު ތަހައްމަލުކުރަމުންދާ ކުދިންނަށް ދައުލަތުން ދެމުން އަންނަ މާލީ އިނާޔަތް މަހަކު 2،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު މިހާރު 500 އަށް ވުރެ ގިނަ ކުދިންނަށް މި އެލަވަންސް ލިބެމުންދާ ކަމަ...

މެންޓަލް ހެލްތު ހެލްޕްލައިނަށް 2 އަހަރުތެރޭ 23،679 ކޯލް
30 Sep 2026 ހަބަރު

މެންޓަލް ހެލްތު ހެލްޕްލައިނަށް 2 އަހަރުތެރޭ 23،679 ކޯލް

ނަފްސާނީ އެހީތެރިކަމަށް ޚާއްޞަ ޤައުމީ ހެލްޕްލައިން "1677" މެދުވެރިކޮށް 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 23,679 ކޯލް ލިބިފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. ރައީސް އޮފީހުގައި ބ...