ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“
ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި، ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު އެންމެ ފަހުން ހުއްޓާލައިފިއެވެ.
ސައީދު މި ހަޅުތާލު ނިންމާލީ ކަމާބެހޭ އިދާރާތަކުން އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިނުމާ ގުޅިގެންނެވެ.
މި މައްސަލައަކީ އަޙްމަދު ފައިރިޝް ނަމަކަށް ކިޔާ މީހެއްގެ ފަރާތުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވަމުންދާ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ދުއްތުރާތަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ. އެގޮތުން ކުޑަކުދިން ތިބޭ ވަގުތުތަކުގައި ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމާއި، އެކި ފަރާތްތަކަށް ޖިސްމާނީ ގޮތުން ކުރިމަތިކުރަމުންދާ ގޯނާތަކުގެ ސަބަބުން ކެތްނުކުރެވިގެން، ސައީދު އެންމެ ފުރަތަމަ ހަޅުތާލު ފެއްޓެވީ ހެންވޭރު ޕޮލިސް ސްޓޭޝަންގެ އެތެރޭގައެވެ.
ނަމަވެސް އެތަނުގައި 14 ގަޑިއިރު ހޭދަކުރުމަށްފަހު އެތަނުން ނިކުންނަން ޖެހުމުން، އޭނާ ހަޅުތާލު ކުރިއަށްގެންދިޔައީ ފުލުހުންގެ އިދާރާ ކައިރީ، މަޖީދީމަގުގައެވެ.
ހަޅުތާލު ނިންމާލުމަށްފަހު ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ހަޅުތާލު ހުއްޓާލީ ހޯމް މިނިސްޓަރު ޢަލީ އިޙްސާން އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ވަރަށް ބޮޑު ޔަގީންކަމެއް ލިބިވަޑައިގަތުމުން ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ބޮޑު އެޝުއަރެންސެއް މިނިސްޓަރ އިޙްސާން ދެއްވި. އަދި ޕީޖީން ވެސް ރޭގަ ވަރަށް ދަންވަރުގަ އަދި މިއަދުވެސް ގުޅުއްވާފަ މިކަމާއިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އަޅުގަނޑާ އަދި އަޅުގަނޑުގެ އާއިލާއަށް ދެއްވި،" ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިއްޔެއާ ހަމައަށް ފުލުހުންގެ އިދާރާގައި ރަޖިސްޓްރީކޮށް ބަންދުކޮށްފައި (ކްލޯޒްކޮށްފައި) ހުރި ގިނަ މައްސަލަތަކެއް، މިނިސްޓަރުގެ އެންގެވުމަށް އަލުން ހުޅުވައި، އެ މައްސަލަތައް ބައްލަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މީގެކުރިން ހުށަހެޅިފައި ހުރެ، ރަސްމީކޮށް ލޮގް ނުކުރެވި ހުރި މައްސަލަތައް އަލުން ލޮގްކުރުމުގެ ފުރުސަތު ވެސް ވަޒީރުގެ އިރުޝާދާއެކު މިއަދު ވަނީ ފަހިކޮށްދެއްވާފައެވެ. އެހެންކަމުން އެ މައްސަލަތައް ލޮގްކުރުމަށްފަހު އާއިލާއާ މަޝްވަރާކޮށް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި އަޑުއުފުލައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްދިން މީޑިއާތަކަށާއި ސޯޝަލް މީޑިއާގެ އެކި ފަރާތްތަކަށް ސައީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ހާއްސަކޮށް އެ ދާއިރާގެ މަޖިލިސް މެންބަރު އިސްމާއިލް ނިޒާރު، މާލެ ވަޑައިގެންނެވި ގޮތަށް ރޭގަނޑުން ފެށިގެން ހެނދުނާ ހަމައަށް ސައީދާއެކު ވަގުތު ހޭދަކުރައްވައި ދެއްވި ހިތްވަރަށް އޭނާ ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން ސައީދުގެ އާއިލާއާއި އަވަށްޓެރިންގެ ފަރާތުން ލިބުނު އެއްބާރުލުންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް