ޕީއެންސީގެ މެންބަރުންގެ އަދަދު 98،000އަށް، ޕީއެންއެފްގައި ގާނޫނީ އަދަދު ހަަމަނުވޭ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު 98،000 ވުރެ އިތުރުވެއްޖެ އެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ޕާޓީއެއްގައި މިހާ ގިނަ އަދަދަކަށް މެންބަރުން ހިމެނުނު ފުރަތަމަ ފަހަރެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން ސަރުކާރު ހިންގާ ޕީއެންސީގައި މިވަގުތު 98،397 މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީން ވަނީ މި އަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ އަދަދު 100،000 ގެންދިއުމަށް އަމާޒު ހިފާފަ އެވެ.
ޕީއެންސީގެ އިތުރުން ދެން އެންމެ މެންބަރުން ގިނައީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގަ އެވެ. އެ ޕާޓީގައި 54،201 މެންބަރުން އެބަ ތިއްބެވި އެވެ. މިއީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އަދަދަށް މެންބަރުން ހަމަވާ ހަމައެކަނި ދެ ޕާޓީ އެވެ. އެ ދެ ޕާޓީގައި ނޫނީ 10،000 މެންބަރުން ހަމައެއް ނުވެ އެވެ.

އަދި ބައެއް ޕާޓީތަކުގައި ގާނޫނީ އަދަދުވެސް ހަމަނުވެ އެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގައި މެންބަރުން ތިބެން ޖެހޭ ގާނޫނީ އަދަދު ކަމުގައިވާ 3،000 ހަމަނުވާ ދެ ޕާޓީ އެބަ އޮތެވެ.
އެއީ ކުރީގެ ރައީސް ޔާމީން އިސްވެ އުފައްދާފައިވާ ޕީޕަލްސް ނެޝަނަލް ފްރަންޓާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ރައީސްކަން ކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ އެވެ. ޕީއެންއެފްގައި ތިބީ 2،586 މެންބަރުންނެވެ. އެމްއެންޕީގައި ތިބީ 2،873 މެންބަރުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް