ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ޖީއެސްޓީ އުވާލުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި
ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުންގެ ހިދުމަތްތަކުން ޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށް، ޖީއެސްޓީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. އެ ބިލުން ބޭނުންވަނީ ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނުގައި ހިމަނާފައިވާ ހުރިހާ މާއްދާއެއް ގާނޫނުން އުނިކުރުމެވެ.
މި ޓެކްސް ނަގަން ފެށި ތިންވަނަ ދުވަހު، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޓްރެވެލް އެޖެންޓުން ފާޅުކުރި ކަންބޮޑުވުންތަކަށް ބަލައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ނިންމެވުން ބަދަލުކުރައްވަން ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ. މިއަދު ހުށަހެޅި ބިލަކީ އެ ނިންމެވުމާ އެއްގޮތަށް ގާނޫނުގެ އެ ބައިތައް އުވާލުމަށް ހުށަހެޅި ބިލެކެވެ.
ޖީއެސްޓީ ގާނޫނުގެ އަށްވަނަ އިސްލާހު ރައީސް މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު 31 ގައެވެ. ރާއްޖޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކުރުމުގެ ގޮތުން ގެނައި އެ ބަދަލާ އެއްގޮތަށް ބޭރުގެ އެޖެންޓުންނާއި ޕްލެޓްފޯމުތަކުން ޓެކްސް ނަގަން ފެށީ މި މަހުގެ ފުރަތަމަ ދުވަހުންނެވެ.
ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިޔާ އާއި އިންޑިއާ ފަދަ މާކެޓުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓެކްސް ނަގަން ފެށުމާއެކު ފަރަންސޭސިވިލާތުގެ އީޑީވީ އާއި ސެޓޯ އަދި އިޓަލީގެ އެސްޓޯއީ ކޮންފިންޑަސްޓްރިއާ ވިއާޖީ ފަދަ ޔޫރަޕުގެ ޖަމިއްޔާތަކުން މިކަމުން ކުރިމަތިވާނެ މާލީ އަދި އިދާރީ ދަތިތައް ބަޔާންކޮށް މީރާއަށް ސިޓީ ފޮނުވާފައިވެއެވެ.
އީޑީވީ އާއި ސެޓޯ ގުޅިގެން މީރާގެ ޓެކްސް ކޮމިޝަނަރު ފާތިމަތު އަމީޒާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހޮޓެލްތަކުގެ އަގުތައް އަހަރެއްހާ ދުވަސް ކުރިން ލިބި، ކުރިއަށް އޮތް ފިނި މޫސުމަށް ޕެކޭޖުތައް މިހާރުވެސް ވިއްކާފައިވާ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަންގެ ކޮންސިއުމަރ ރައިޓްސް ޕްރޮޓެކްޝަން ގަވާއިދުތަކުގެ ސަބަބުން ވިއްކާފައިވާ ޕެކޭޖުތަކުގެ އަގު ބޮޑުކުރުމަށް ގާނޫނީ ހުރަސްތައް ހުރުމުން ކުދި ޓުއާ އޮޕަރޭޓަރުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން މިހާރު ވިއްކާފައިވާ ބުކިންތަކަށް ކުރީގެ އުސޫލުން އަމަލުކޮށް، އިސްލާހަށް އަމަލުކުރުން 2027 އަށް ފަސްކޮށްދިނުމަށް އެ ޖަމިއްޔާތަކުން އެދިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް