ޖިނާއީ ތަހުގީގުތައް އަވަސްކުރުމާއި މައުލޫމާތު ދިނުމުން ހަރުދަނާކުރުމަށް ސީޕީ އެދިއްޖެ
ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށާއި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ގަވާއިދުން ފޯރުކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެދިވަޑައިގެންފި އެވެ.
ކޮމިޝަނަރު މިކަމަށް އެދިވަޑައިގެންނެވީ، ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ އިސް އޮފިސަރުންނާއެކު މިއަދު ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މި ބައްދަލުކުރެއްވުމަކީ ތަހުގީގު ދާއިރާގެ ގާބިލުކަން އިތުރުކުރުމަށާއި، މަސައްކަތުގެ ހަލުވިމިން ރަނގަޅުކުރުމުގެ އިތުރުން، ހިދުމަތް ހޯދާ ރައްޔިތުންނާއި އަނިޔާ ލިބޭ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، ތަހުގީގުގެ މިންގަނޑުތަކަށާއި ހެކީގެ ރައްކާތެރިކަމަށް އެއްވެސް އުނިކަމެއް ނާންނާނެހެން، އަވަސް އަދި ފުރިހަމަ ތަހުގީގުތަކެއް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، ލަސްވުންތައް ކުޑަކޮށް، ނުނިމި ހުރި މައްސަލަތައް މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ތަހުގީގުކުރާ ބަހާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކޮމިޝަނަރު އިރުޝާދު ދެއްވި އެވެ.
މީގެއިތުރުން، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ތަހުގީގުގައި ކުރިއަށްދާ މަރުހަލާތަކުގެ މައުލޫމާތު ގަވާއިދުން ހިއްސާކުރުމަކީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ކޮމިޝަނަރ ފާހަގަކުރެއްވި އެވެ. އަދި ތަހުގީގުގެ ހުރިހާ މަރުހަލާއެއްގައިވެސް އަނިޔާ ލިބޭ ފަރާތްތަކާ މުއާމަލާތްކުރުމުގައި އޯގާތެރިކަމާއި، އިހުތިރާމާއި އަދި ޕްރޮފެޝަނަލިޒަމް އިސްކުރުމަށް ބާރުއެޅުއްވި އެވެ.
ޒަމާނީ ކުށްތަކަށް އަންނަ ބަދަލުތަކާއެކު ކޮމްޕްލެކްސް މައްސަލަތައް ތަހުގީގުކުރުމަށްޓަކައި، އިންވެސްޓިގޭޝަން އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ވެސް ސީޕީ ފާހަގަ ކުރެއްވި އެވެ. މިގޮތުން ޒަމާނީ ޓެކްނޮލޮޖީއާއި، އިންޓެލިޖެންސް އަދި ފައިނޭންޝަލް އެނަލިޓިކްސްގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމަށް އެދިވަަޑައިގަތެވެ. ހަމައެއާއެކު، ތަހުގީގުތައް ކުރިއަށްދާ ގޮތް ގާތުން ބަލައި، އިންވެސްޓިގޭޝަން އޮފިސަރުންނަށް ބޭނުންވާ އިރުޝާދު ދިނުމާއެކު، ކޮންމެ ފަންތިއެއްގައިވެސް ޖަވާބުދާރީވުމާއި، ސުލޫކީ އަދި އަހުލާގީ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވި އެވެ.
ސެންޓްރަލް އިންވެސްޓިގޭޝަން އަކީ ޖިނާއީ ބޮޑެތި ކުށްތަކާއި ހާއްސަ މައްސަލަތައް ތަހުގީގުކުރުމުގެ ޒިންމާ އުފުލާ ބަހާ އެވެ. މި ކޮމާންޑުގެ ދަށުން ކުރިއަށްގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފައިނޭންޝަލް އެނަލިޓިކްސް، ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންސް، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް އަދި ސްޕެޝަލިސްޓް އިންވެސްޓިގޭޝަން ސަޕޯޓް ހިމެނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް