މިމަހު މާލެ ސަރަހައްދުގައި އެމްއެންޑީއެފްއިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަނީ
ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މިމަހު މާލެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.
އެގޮތުން، މި ތަމްރީނުތައް ކުރިއަށްދާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއެންޑީއެފްއިން ބާއްވާ މި ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނީ، 25 ވަނަ ދުވަހުގެ ދަންވަރު 00:00 ގައެވެ. އަދި ތަމްރީނުތައް ނިންމާލުމަށް ހަމަޖެހިފައިވަނީ، 27 ވަނަ ދުވަހުގެ ހެނދުނު 06:00 ގައެވެ. މި މުއްދަތުގެ ތެރޭގައި އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައި ތަމްރީނުގެ އެކި ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ.
އެމްއެންޑީއެފްގެ މި އަސްކަރީ ތަމްރީނުތައް ކުރިއަށްދާނީ ވެރިރަށް މާލޭގެ އިތުރުން ހުޅުލެ، ހުޅުމާލެ އަދި ތިލަފުށީގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައެވެ. މި ސަރަހައްދުތަކުގައި ތަމްރީނުތައް ކުރިއަށްދާއިރު، ސިފައިން އަސްކަރީ ޔުނީފޯމުގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، މި ތަމްރީނުތަކުގެ ތެރެއިން ހުޅުމާލެ ފޭސް 2 ގެ ފަރުކޮޅުފުށީގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، 26 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އިން 19:00 އަށް ފަރުކޮޅުފުށީގައި ކުރިއަށްގެންދާ ތަމްރީނުތަކުގައި ބްލޭންކްސްއާއި ޕައިރޯޓެކްނިކްސް ބޭނުންކުރާނެއެވެ.
އެހެންކަމުން، މި ތަމްރީނުތައް ކުރިއަށްދާ ވަގުތުތަކުގައި މާލެ، ހުޅުލެ، ހުޅުމާލެ އަދި ތިލަފުށީގެ ސަރަހައްދުތަކުން ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާ މަންޒަރު ފެނުނު ނަމަވެސް، އަދި ފަރުކޮޅުފުށީގައި ބްލޭންކްސްއާއި ޕައިރޯޓެކްނިކްސް ބޭނުންކުރާ ވަގުތު އަޑުފައްގަނޑު އިވުނު ނަމަވެސް، އެއީ އަސްކަރީ ތަމްރީނުތަކުގެ ބައެއްކަން އާންމު ރައްޔިތުންގެ ސަމާލުކަމަށްޓަކައި މިނިސްޓްރީން ވަނީ އަންގާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް