މަޖިލީސް މެންބަރުންގެ އިންޝުރެންސް ޕެކޭޖުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް ވާނީ ފައިދާ: ފަލާހް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ޚާއްސަ ހެލްތު އިންޝުއަރެންސް ޕެކޭޖުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުއިވެ، ރައްޔިތުންނަށާއި ދައުލަތަށް ވާނީ ފައިދާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ދެމުން އަންނަ ޚާއްސަ ހެލްތު އިންޝުއަރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ ޚިދުމަތް ލިބޭ ބަޔަކަށް މެންބަރުން ބަދަލުކުރުމަށް ގޮވާލައި އާންމު ރައްޔިތަކު މަޖިލީހަށް ހުށަހެޅި އީ-ޕެޓިޝަނާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މެންބަރު ފަލާޙް ވިދާޅުވީ، ކަންކަން ކުރާއިރު އެ ކަމެއް އޮންނަ ގޮތް ރަނގަޅަށް ބަލައި، ޤައުމުގެ ރައްޔިތުންގެ މެދުގައި އަމާންކަމާއި މަސްލަހަތު ނުގެއްލޭނެ ގޮތަށް މިފަދަ ޕެޓިޝަންތައް ހުށަހެޅުމަކީ މުހިންމު ކަމެއް ކަމުގައެވެ. އަދި އިންޝުއަރެންސް ހިނގާ ނިޒާމު އޮޅުންފިލުވަން ޖެހޭކަން ފާހަގަކުރައްވައި ފަލާޙް ވިދާޅުވީ، މި ޕެކޭޖުގެ ސަބަބުން އާސަންދަ ނިޒާމުން ބޭރުވެ، ދައުލަތަށް ޚަރަދު ކުޑަވާ ކަމަށެވެ.
މި ޕެކޭޖު ރައްޔިތުން މަޖިލީހުން މެމްބަރަކު ނަގާފަ މި އޮންނަނީ. ނަގާފަ އޮންނަ އިރު ޙަގީގަތުގަ ދައުލަތަށް ވެސް މީގެ ފައިދާ ބޮޑީ. ރައްޔިތުންނަށް ފައިދާ ބޮޑީ. ސަބަބަކީ އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް އިންޝޫރެންސް ކުންފުންޏަށް ދައުލަތުން މި ދައްކަނީ އަހަރަކު 24،000 ދިވެހި ރުފިޔާ. އެ ސައުވީސް ހާސް ރުފިޔާގެ އިތުރަކަށް ރައްޔިތުން މަޖިލީހުގެ މެމްބަރަކަށް ދިވެހި ދައުލަތުން ލޯލާރިއެއްވެސް ޚަރަދުކުރަން ނުޖެހޭނެ،" ފަލާޙް ވިދާޅުވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވި ގޮތުގައި، މި ނިޒާމުގެ ސަބަބުން ދައުލަތުން އަހަރަކު އާސަންދައިގެ ތެރެއިން ކުރަންޖެހޭ ތޭރަ ލައްކަ ފަންސާސް ހާސް ރުފިޔާ ޚަރަދުކުރަން ނުޖެހި ސަލާމަތްވެއެވެ. އަދި ބޭރު ޤައުމުތަކުން ފަރުވާ ހޯދުމުގައި ޓިކެޓާއި، ހުރުމާއި، ކެއުންބުއިމުގެ ޚަރަދު ނުލިބޭއިރު، ގިނަ ފަހަރަށް އަމިއްލަ އަތުން ފައިސާ ދައްކައިގެން ބިލްތައް ހުށަހަޅަން ޖެހޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންނާ ރައްޔިތުން މަޖިލީހުގަ ތިބޭ މެމްބަރުންނާ ދޭތެރޭގަ ފިތުނަ ފަސާދަ އުފެދޭނެ ގޮތަށް މިފަދަ ޕެޓިޝަންތައް ޙަގީގަތުގަ ހުށަހެޅުމަކީ ވަރަށް ހިތާމަހުރި ކަމެއް. މިއަށް ބުނަނީ މާ މޮޅެތި ކަންކަން އެބަހުރި ކުރަން. މާ ރަނގަޅު ކަންކަން އެބަހުރި. ދެން ވަރަށް ބޮޑަށް ރައްޔިތުން ތެރޭގަ ފިތުނަ އުފައްދާލެވޭތޯ މަސައްކަތްކަށް ކޮށްފަ އެބަހުރި
މަޖިލީހަށް ހުށަހަޅާފައިވާ އީ-ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ ދަށުން، މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ އިތުރުން އެ ބޭފުޅުންގެ އަނބިދަރިންނަށް ރާއްޖެއާއި ސާކް އަދި އާސިއާންގެ ގައުމުތައް ހިމެނޭހެން 19 ގައުމަކުން އުމުރުދުވަހަށް ލިބޭ ވީއައިޕީ ހެލްތު އިންޝުއަރެންސް އުވާލުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.
އެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، 2015 އިން 2025 އާ ދެމެދު މެންބަރުންގެ އިންޝުއަރެންސް ޕްރީމިއަމަށް އެކަނިވެސް ދައުލަތުގެ ބަޖެޓުން 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އާންމު ރައްޔިތުންނަށް ނުލިބޭ މިފަދަ ޚާއްސަ އިނާޔަތްތަކެއް ރައްޔިތުންގެ ޓެކްސް ފައިސާއިން މެންބަރުންނަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މެންބަރުންނަކީވެސް އާންމުންނެކޭ އެއްފަދައިން އާސަންދައާއި އެންސްޕާގެ ނިޒާމުގެ ތެރެއިން ސިއްހީ ޚިދުމަތް ހޯދާ ބަޔަކަށް ހެދުމަށް އެ ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ. ސަބަބަކީ ގައުމުގެ އަސާސީ ސިއްހީ ނިޒާމު ރަނގަޅުކުރުމަށް މަސައްކަތް ކުރެވޭނީ، އާންމު ރައްޔިތުން ތަހައްމަލުކުރާ ތަކުލީފުތައް މަޖިލިސް މެންބަރުންނަށްވެސް ތަޖުރިބާ ކުރެވިގެން ކަމަށްވާތީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް