އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ
ސަރުކާރުން އަމީނީ މަގު އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އިއްޒުއްދީން މަގާއި ކޯރުކެނޑި ހިނގުމާ ދެމެދު ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަން އެމްޓީސީސީން ނިންމައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ތިންވަނަ ސެގްމަންޓުގެ ދިގުމިނަކީ 1،924.77 މީޓަރެވެ. އެ ސަރަހައްދުގެ ކުރީގެ ތާރު ނެގުން ފެށީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އަޅައި، އެމްސީ 30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވެއެވެ.
ތާރު އަޅައި ނިމުމުން، ތާރުގަނޑު ހިކި ހަރުވުމަށް ވަގުތު ދިނުމަށްފަހު މަގުމަތީގެ ރައްކާތެރިކަމުގެ ނިޝާންތަކާއި ލައިންތައް ކުރަހައި، އެ ސަރަހައްދު ދަތުރުފަތުރަށް ހުޅުވާލާނެއެވެ. ފަންނީ މާހިރުން ފާހަގަކުރާ ގޮތުގައި، ހާއްސަކޮށް ހޫނު މޫސުމުގައި ބަސް ފަދަ ބަރު އުޅަނދުތައް ދުއްވަން ފެށުމުގެ ކުރިން މި މުއްދަތު ދިނުމުން މަގު އަވަހަށް ހަލާކުވުމުން ސަލާމަތްވެއެވެ.
މި މަޝްރޫއުގެ ދަށުން ދެ ސެގްމަންޓެއް ވަނީ ނިންމައި ދަތުރުފަތުރަށް ހުޅުވާލާފައެވެ. ފުރަތަމަ ސެގްމަންޓަކީ، ދިވެހިރާއްޖޭގެ އަޑު އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގެ ޕާކާ ހަމައަށް އޮތް ސަރަހައްދެވެ. ދެވަނަ ސެގްމަންޓުގައި ހިމެނުނީ ދިވެހިރާއްޖޭގެ އަޑު ކައިރީގެ ކަންމަތިތަކެވެ.
ތިންވަނަ ސެގްމަންޓަށްފަހު، ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް 1،148.91 މީޓަރު ދިގު ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތް ފަށާނެއެވެ.
އަމީނީ މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންތަކާއި ވަޅުގަނޑުތައް ހެދި، ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލަ ބޮޑުވުމުން، މިނިސްޓްރީ އޮފް ހައުސިންގ، އިންފްރާސްޓްރަކްޗަރ އެންޑް އަރބަން ޑިވެލޮޕްމަންޓުން މި މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
ދައުލަތުގެ ބަޖެޓުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރާ މި މަޝްރޫއުގެ ދަށުން، ދެ ފަށަލައަށް ތާރުއަޅައި ދިގު މުއްދަތަކަށް ދެމިހުރާނެ ފެންވަރު ރަނގަޅު މަގަކަށް އެ މަގު ބަދަލުވެގެންދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް