ދިރުވާލައިގެން 1.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި
1.18 ކިލޯގްރާމްގެ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ކަސްޓަމްސްއިން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވާ ދެ ބިދޭސީންނަކީ، ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރުން ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށްވެސް އެ އިދާރައިން މައުލޫމާތު ދެއެވެ.
ކަސްޓަމްސްއިން ބުނާ ގޮތުގައި، މި ދެ ފަސިންޖަރުން ރާއްޖެ އައީ ތައިލެންޑުން މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ފަސިންޖަރުން ހަރަކާތްތެރިވި ގޮތުން އޮފިސަރުންނަށް ޝައްކުވުމުން، އެ ދެމީހުންނާ ސުވާލުކޮށް އިތުރަށް ބަލައި ފާސްކުރި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެގޮތުން އެމީހުން ބަލައިފާސްކުރުމުގެ ތެރެއިން، ދެ ފަސިންޖަރުންގެ ހަށިގަނޑުތެރެއިން ޖުމްލަ 142 ބުލެޓް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އެ ބުލެޓްތަކުގައި ތިން ބާވަތެއްގެ މަސްތުވާތަކެތި ހުރި ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި 708.2 ގްރާމުގެ ހެރޮއިން، 424 ގްރާމުގެ ކޮކެއިން އަދި 51.6 ގްރާމުގެ މޯފިން ހިމެނެއެވެ.
ހިފެހެއްޓި ތިން ބާވަތުގެ މަސްތުވާތަކެތީގެ ތެރެއިން އެންމެ ގިނައިން ހުރީ ހެރޮއިން ކަމަށް ކަސްޓަމްސްއިން ދީފައިވާ މައުލޫމާތުން ދައްކައެވެ.
ކަސްޓަމްސްއިން ބުނާ ގޮތުގައި، އެ ދެ ނޭޕާލު ފަސިންޖަރުންގެ ކިބައިން ހިފެހެއްޓި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 1183.8 ގްރާމެވެ. އެއީ 1.18 ކިލޯގްރާމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް