ބޮޑު އީދު ނަމާދު: ބޮޑު ޖަމާއަތް ހަތަރު ސަރަހައްދެއްގައި، 25 މިސްކިތުގައި ކުރާނެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މި އަހަރުގެ އަޟްހާ ޢީދު ނަމާދު, ބޮޑު ޖަމާއަތުގައި މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 25 މިސްކިތެއްގައި މިއަހަރުގެ އަޟްހާ ޢީދު ނަމާދުކުރުމަށް ހަމަޖައްސާފައެވެ.
މާލޭ ސަރަހައްދުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އީދު ނަމާދުކުރުމަށް ހަމަޖައްސާފައިވަނީ، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި ޢީދު ނަމާދު ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
މިފަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ ބުދަ ދުވަހެވެ. ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7 ޖަހާއިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް